7 ޕަސެންޓު ލިބުނު ޑިމޮކްރެޓްސްއިން ބުނީ، މޮޅުވީ އެ މީހުން ކަމަށް!

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ހަތް ޕަސެންޓު ވޯޓު ލިބުނު ނަމަވެސް، "އެ މީހުން މޮޅުވެއްޖެ" ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް 38.52 ޕަސެންޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 46.70 ޕަސެންޓު ވޯޓެވެ. ޑިމޮކްރެޓްސްއަށް 7.41 ޕަސެންޓު ވޯޓު ލިބިފައިވާއިރު އެއީ، އެމްޑީޕީއަށް ޑރ. މުއިއްޒާ ދެކޮޅަށް ގެއްލުނު ބޮޑު އަދަދެކެވެ.

މިއާ އެކު ޑިމޮކްރެޓްސްގެ ބޭފުޅުން މުޅި ސޯޝަލް މީޑިއާގައި އަންނަނީ އުފާ ފާޅު ކުރަމުންނެވެ. މި އިންތިޚާބުގައި "އެ ބޭފުޅުން މޮޅުވެއްޖެ ކަމަށް" ވިދާޅުވަމުންނެވެ.

ޑިމޮކްރެޓްސްއިން ވަނީ އެމްޑީޕީން "ރައީސް ނަޝީދާ ނުލާ ވާނެއޭ" ބުނި ބުނުމަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި، އެއީ އެމްޑީޕީ ޕްރައިމެރީން ވައްކަން ކުރުމުގެ ނަތީޖާ ކަމަށް ވެސް އެ ބޭފުޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން 2013 ގައި ރައީސް ނަޝީދު (ވެރިކަމުގައި ނެތި) ގިނިކަންޏާ ނުކުމެ 48 ޕަސެންޓު ހޯއްދެވި ކަމަށާއި 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަނި ގިނިކަންޏާ ނުކުމެ 42 ޕަސެންޓު ހޯއްދެވިކަން ފާހަގަކުރައްވާ ޑިމޮކްރެޓްސްގެ ބޭފުޅުން ވަނީ ރައީސަށް މި ފަހަރުގެ ނަތީޖާއިން ފާޑު ވިދާޅުވެފައެވެ.

"2023 ގައި ކޯލިޝަނަކާ އެކު ނުކުމެ މުޅި ދައުލަތް އިންތިޚާބަށް އަރިކޮށްލައިގެން ހޯއްދެވުނީ 38 ޕަސެންޓު" އުނގޫފާރު ފާއިރާގެ މެންބަރު މުހައްމަދު ވަހީދު މިރޭ ވިދާޅުވިއެވެ.

އިންތިޚާބުގައި ޑިމޮކްރެޓްސްގެ ބޭނުން ވަރަށް ސާފު

ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން އެ ނަތީޖާ ގަބޫލު ނުކުރައްވާ ޕާޓީން ވަކިވި ބޭފުޅުންތަކާ އެކު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސްއަކީ ވަރަށް ކުޑަ ޕާޓީއެކެވެ. އެމްޑީޕީން އުސޫލުގެ ބޭރުން 30،000 އެއްހާ މެންބަރުން ވަކިކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ރައީސް ނަޝީދުގެ ސަޕޯޓަރުން ކަމަށް ޑިމޮކްރެޓްސްގެ ބޭފުޅުން އޭރު ތުހުމަތު ކުރެއްވިއެވެ.

އެއަށް ފަހު އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ނަޝީދާއި އެ ޕާޓީގެ ލީޑާޝިޕް އިސްވެ އެތައް މަސައްކަތެއް ކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ޕާޓީގައި އަދި ރަޖިސްޓްރީވެފައި ތިބީ އެންމެ 3،280 މެންބަރުންނެވެ.

އެއަށް ފަހު ގިނަ ބަޔަކު ބުނަމުން ދިޔައީ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ނަޝީދު ކަމަށެވެ. އެހެންނަމަވެސް ދެން ފެނިގެން ދިޔަ މަންޒަރަކީ އެއްވެސް މީހަކު އުންމީދުކުރި މަންޒަރެއް ނޫނެވެ. ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގަ ހަމައެކަނި ވާދަކުރެއްވި ކެންޑިޑޭޓަކީ އިލްޔާސް ލަބީބެވެ. އަދި، ރައީސް ނަޝީދުގެ ވެސް ފުރިހަމަ ތާއީދާ އެކު އިލްޔާސް ވަނީ ޕްރައިމަރީގައި ނެގި ފެންނަ ނުފެންނަ ވޯޓުން 94 އިންސައްތަ ކާމިޔާބު ކުރައްވައިފައެވެ.

އޭގެ ފަހުން ޑިމޮކްރެޓްސްގެ ބޭފުޅުން އައީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއި އެކްޓްވިސްޓުން ސޯޝަލް މީޑިއާގައި ވެސް ކުރަމުން އަންނަނީ އެ މަސައްކަތެވެ. ރިޔާސީ ބަހުސްގައި ވެސް އިލްޔާސް ލަބީބުގެ ފާޑުވިދާޅުވުން އެންމެ ބޮޑަށް އަމާޒުވީ ރައީސް ޞާލިޙަށާއި މި ސަރުކާރަށެވެ.

މީގެ އިތުުރުން ރައީސް ނަޝީދު، ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ރޭ ވަނީ އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވެސް ވިދާޅުވެފައެވެ.

https://sun.mv/181648

މި ހިސާބުން އެންމެންގެ ހިތުގައި ވެސް އުފެދުނު އެންމެ ބޮޑު ސުވާލަކީ، ޑިމޮކްރެޓްސް ފަދަ ފަހުން އުފެއްދި ކުޑަ ޕާޓީއަކުން އިންތިޚާބު ކާމިޔާބު ކުރަން ނިކުމެ މި ތިބީ ކިހިނެއްތޯއެވެ؟ ޑިމޮކްރެޓްސް އިން އިންތިޚާބަށް ނިކުތީ އެމްޑީޕީގެ ވޯޓު ބައިބައިކުރަންތޯއެވެ؟

މި ސުވާލުގެ ޖަވާބު މިހާރު ވަރަށް ވެސް ސާފެވެ.

ރައީސް ޞާލިޙު 8 ޕަސެންޓު ފަހަތުގައި

އެމްޑީޕީއަށް މި އިންތިޚާބުގައި އެއްވެސް "ޗެލެންޖަކަށް ނުވާނެއޭ" ބުނި ޑރ. މުއިއްޒާ ވާދަކުރުމަށް އަށް ޕަސެންޓު މަދެވެ.

އެމްޑީޕީ ބައިބައިވުމާ އެކު އެ ބައި ވަނީ ޑިމޮކްރެޓްސްއަށް ލިބިފައެވެ. ޑިމޮކްރެޓްސްއިން ބުނާ ގޮތުން އެބޭފުޅުން މި އިންތިޚާބުން "މޮޅުވެއްޖެއޭ" ބުނަނީ މިހެންވެއެވެ. މި އިންތިޚާބުގައި ޑިމޮކްރެޓްސް ވާދަ ކުރުމުގެ މަގުސަދަކީ އެމްޑީޕީގެ ވޯޓުތައް ބައިބައި ކުރުމެވެ. މޮޅުވިއޭ އެ ބުނަނީ އެ ކަމުންނެވެ. އިންތިޚާބަކުން ނޫނެވެ.

comment ކޮމެންޓް