ތުހުމަތުތަކާއި ވައުދުތަކަށް ފަހު، ފޯރިގަދަ ކެމްޕޭން ނިންމާލައިފި

ކެމްޕޭން ނިންމަން އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ގިނަގުނަ ވައުދުތަކާއި އެކިއެކި ތުހުމަތުތަކަށް ފަހު ފޯރިއާ އެކު މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ނިންމާލައިފިއެވެ.

ކެމްޕޭން ނިންމައިލުމަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ހިނގާލުން ވަނީ ހަވީރު 4:00 ގައި ފަށައިފައެވެ. އެ ހިނގާލުމުގައި އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކެމްޕޭން ނިންމަވައިލައްވަމުން ވެސް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭރު ގައުމުތަކުގެ ނުފޫޒުން ގައުމު ސަލާމަތްކޮށް، "ދިވެހީންގެ ރާއްޖެ ދިވެހީންނަށް" ހޯދައިދިނުމަށް އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކެމްޕޭން ނިންމާލުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ހަމަވާން ދެ ގަޑިއިރަށް ވީއިރު ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ގެންދެވީ ކެމްޕޭނަށް ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، މިއީ އެންމެ މުހިއްމު ވަގުތުކޮޅު ކަމަށެވެ. އެ މަނިކުފާނުގެ ކެމްޕޭން ނިންމަވައިލެއްވީ މާލޭގެ އުސްފަސްގަނޑުންނެވެ.

ދެވަނައަށް ކެންޑިޑެސީ ލިބިވަޑައިގަތީ ޖެނުއަރީ މަހު އޮތް އެތެރޭގެ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށެވެ. ޕްރައިމަރީގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް ޞާލިޙް ވަނީ ޓިކެޓު ކަށަވަރު ކުރައްވައިފައެވެ.

ކެމްޕޭން ނިންމަވައިލައްވަމުން ވެސް ރައީސް ވިދާޅުވީ، މި އިންތިޚާބު އެއްބުރުން އެ މަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި، މިހާތަނަށް އިންތިޚާބެއް ކާމިޔާބު ނުކުރާހާ ތަފާތު ބޮޑު ނަތީޖާއަކުން މި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކެމްޕޭން ނިންމަވައިލެއްވުމަށް ބޭއްވި އެއްވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

މިއަދުގެ ކެމްޕޭން ނިންމަވައިލެއްވުމަށް ދެން ހަރަކާތެއް ބާއްވާފައިވަނީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން ވަނީ ހިނގާލުމެއް ބާއްވައިފައެވެ.

ސަރުކާރު ކޯލިޝަންގައި ފަހު ވަގުތާ ޖެހެންދެން ވެސް އޮތް، ޖުމްހޫރީ ޕާޓީން އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމީ އެ ޕާޓީގެ ކައުންސިލުންނެވެ. ނިންމުމަށް ފަހު، ޕްރައިމަރީއަށް ހުޅުވާލުމުން އެ ކަމަށް އެދި ކުރިމަތިލެއްވީ 2008 އަދި 2013 ގައި ވެސް އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމެވެ.

އެންމެ ފަހު ވަގުތު ވެސް ގާސިމް އެދިވަޑައިގަތީ "ދަރަނި ދަންތުރައިން" ގައުމު ސަލާމަތް ކުރުމަށް އެ މަނިކުފާނަށް ވޯޓު ދެއްވުމަށެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް -- ސަން ފޮޓޯ

ފަހުން އުފެއްދި، އެމްއެންޕީން ވެސް ވަނީ އިންތިޚާބުގައި ވާދަކުރައްވަން ނިންމައި، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ޓިކެޓު އަރުވައިފައެވެ.

އޭނާ ކެމްޕޭން ނިންމަވައިލެއްވީ ހުޅުމާލެއިންނެވެ. އޭނާ އެންމެ ފަހު ވަގުތު ވެސް އެދިވަޑައިގަތީ މި އިންތިޚާބުގައި އޭނާއަށް ވޯޓު ދެއްވުމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދުކުރައްވައި މެންބަރުން ދަ ޑިމޮކްރެޓްސް އުފެއްދީ އިންތިޚާބަށް ދެ މަހަށް ވެފައި ވަނިކޮށެވެ. ފަހު ވަގުތު އެ ޕާޓީން ވެސް ވަނީ ޕްރައިމަރީއެއް ބާއްވަން ނިންމައިފައެވެ. އެކަމަކު، އެ ޕްރައިމަރީގައި ވާދަކުރެއްވީ އިލްޔާސް ލަބީބު އެކަންޏެވެ.

ކެމްޕޭން ނިންމަވައިލައްވަމުން މާލޭގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިލްޔާސް މިއަދު ހަވީރު ވިދާޅުވީ، ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާ ބިރުދައްކަމުންދާ ކަމަށާއި އެކަމަކު އެ ނުފޫޒުގެ ތެރެއިން ވެސް މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.

އަމިއްލަ ގޮތުން ވެސް މި އިންތިޚާބުގައި ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއީ އަހުމަދު ފާރިސް މައުމޫން އަދި ހަސަން ޒަމީލެވެ.

comment ކޮމެންޓް