ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ނަން މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓު ކޮށްފައިވާ ކޮމެޑީ ފިލްމް 'ޖޯކަރު' ރޭ އޮލިމްޕަހުގައި އަޅުވައިފިއެވެ.
އިސްމާއިލް ޝަފީގު އަދި އަލީ ޝާނީޒް ޕްރޮޑިއުސްކޮށް ގެނެސްދިން މި ފިލްމުގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް"އެވެ.
ބޮޑު ކާސްޓަކާއެކު ގެނެސްދިން މި ފިލްމުގައި ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވާ ތަރިންގެ އިތުރުން ފިލްމީ ދާއިރާގައި ތަޖުރިބާކާރު ތަރިންވެސް ހިމެނެއެވެ.
"ޖޯކަރު" ގައި އެކްޓުކޮށްފައވާ ތަރިންނަކީ އަހްމަދު ނިމާލު، ޝީލާ ނަޖީބް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަހްމަދު ސަޢީދު، ހަމްދާން ފާރޫގު، އިބްރާހިމް ރަޝީދު މޫސާ (ބުރޯ)، މުހައްމަދު އީމާއު (ހަބޭސް އީމާއު)، ރިފްޝާން، އަލީފް އަދި ޝަހީދާ މުހައްމަދެވެ.
ޖޯކަރު، މި ފިލްމަކީ ބެލުންތެރިން ހެއްވާލާ އެތައް މަންޒަރެއް ދައްކުވައިދިން ފިލްމެކެވެ. ފިލްމުގައި ކޮންމެ އެކަޓަރަކު ވެސް މަސައްކަތްކޮށްފައި ވަނީ "ލާރި ފޮއްޓެއް" ހޯދުމަށްޓަކައެވެ. މި ފިލްމުގައި އެ "ލާރި ފޮށި" ފޮރުވި މީހާގެ ހަނދާންތައް ގެއްލެއެވެ. އެ ހިސާބުން ދައްކައިދެނީ އެ ފޮށި ހޯދަން ކުރާ މަޖާ ކަންކަމެވެ. އިތުރަށް ކުރިމަރައި ނުލައި ފިލްމު ބަލާލަން ދައުވަތުދެމެވެ.
ފިލްމުގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތުގެ ރޯލު އަދާކުރި އަހްމަދު ނިމާލް 'ސަން' އާ ވާހަކަދައްކަމުން ބުނީ، މި ފިލްމަކީ ޔޫއްޕެގެ ވަރަށް ބުރަ އަދި ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.
ނިމާލް ބުނީ ފިލްމުގައި އެންމެ 'ސަޕްރައިޒް ކަމަށް ފެނިގެން ދިޔައީ ފިލްމް ނިންމާލިއިރު ޔޫއްޕެ ފެނިގެން ދިޔަ ހިސާބުން ކަމަށެވެ. އެއީ ފިލްމްގެ ކާސްޓުންނަށް ވެސް އެނގިފައި ނެތް ކަމެކެވެ. ފިލްމްގެ އެއްވެސް ކާސްޓަކަށް ފިލްމް ނިމިގެންދާނީ ކިހިނެއްކަން ވެސް މީގެ ކުރިން ނޭނގޭކަން ނިމާލް ފާހަގަކުރިއެވެ.
"ވަރަށް ރަނގަޅު މަސައްކަތެއް މީ. ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ވަރަށް ގިނަ ސްޓާރުންނާއިއެކު ކުޅެފަ އޮތް ފިލްމެއް ވީމަ. މި ފިލްމްގަ ގިނަ ވާނި މުޅިން އަލަށް މި ދާއިރާގައި ފެންނަ ކުދިން" ނިމާލް ބުންޏެވެ.
ޖޯކަރު ބެލުމަށްފަހު އޮލިމްޕަހަށް ދިޔަ ގިނަ މީހުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. މި ފިލްމު ބަލަން ދިޔަ އެންމެން ތިބީ ހީހީ ހަލާކުވެފައެވެ.