ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވޯޓު "ވަގަށް ނަގަން" ވެސް ފަހެއް ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޕިޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮލާލް މިއަދު ވިދާޅުވީ، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެތައް ކަމެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން މީހުންގެ ޒާތީ މައުލޫމާތު ހިމެނޭ ދައުލަތުގެ މުއައްސަސާތަކުގައި ހުރި ޑޭޓާބޭސްއެއް ވަގަށް ނަގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"މި ދަންނަވާ ވާހަކައަކީ އާސަންދައާ ޕެންޝަން އޮފީސް އަދި ޑީއެންއާރާ އެ ނޫންވެސް ދައުލަތުގެ މުއައްސަސާތަކުގައި ހުރި ދިވެހި ރައްޔިތުންގެ ހުރިހާ މައުލޫމާތުތައް ނަގައިގެން ހަދާފައިވާ ޑާޓާބޭސެއްގެ ވާހަކަ. މި ޑޭޓާބޭސް ހަދައިގެން އެ ބޭނުންކުރަމުން ގެންދަނީ އިންތިޚާބަށް ނުފޫޒުފޯރުވުމަށްޓަކައި،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އެފަދަ ކަންކަން ކުރާ ބަޔަކު އިންތިޚާބު ވަގަށް ނަގަން ވެސް ފަސް ނުޖެހޭނެކަމަށެވެ. އެގޮތުން މި އިންތިޚާބު ވަގަށް ނަގަން އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް ބުނެ ތޮލާލް ވަނީ ދިވެހި ރައްޔިތުން ސަމާލުވެ ތިބުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތައް ރައްޔިތުނަށްޓަކައި ކޮށްދެމުން މިގެންދަނި. އަޅުގަނޑުމެން ތަންތަނަށް މައްސަލަ ހުށަހަޅައިގެން ތަންތަނަށް ޝަކުވާކޮށްގެން ކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ކޮށްދެމުން މިދަނި،" ތޮލާލް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ތޮލާލް އައީ އެމްޑީޕީން ވޯޓު އޮޅުވާލުމަށްޓަކައި އެންޓި- ކެމްޕޭނު ކުރާކަމަށް ތަކުރާރުކޮށް ތުހުމަތުތައް ކުރައްވަމުންނެވެ.
އެގޮތުން ރައީސް ޞާލިޙުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ބާއްވާ ސިލްސިލާ ނިއުސް ކޮންފަރެންސް ތަކުގައި މުއިއްޒާ ގުޅޭގޮތުން ދޮގުވާހަކަތައް ދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ މުއިއްޒާ ގުޅޭގޮތުން ދޮގު ވާހަތަކައް ހިމެނޭ ލިޔުންތައް މާލެ ތެރޭގައި ބަހަމުން ދަނީ އެމްޑީޕީން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ ހުރިހާ ކަމަކީ ވެސް އިދިކޮޅު ކޯލިޝަންތެރެ ބައިބައިކޮށް ހަމަނުޖެހުން އުފެއްދުމަށް އެމްޑީޕީން ކުރަމުން އަންނަ އަމަލުތަކެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.