އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ލިބިފައިވާ ގެއްލުން-- ފޮޓޯ/ އެމްއެންޑީއެފް

މ. ހައުސް ޕްލާޒާގައި އަލިފާން ރޯކުރިކަމަށް ތުހުމަތުކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 11:12 ގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފަ ނުވާއިރު މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކުނިތަކެއްގައި ރޯވެ ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަރަށް ބޯކޮށް ދުންއެރިއެވެ. އެހެންވެ ރައްކާތެރިވުމަށް އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ލިބިފައިވާ ގެއްލުން-- ފޮޓޯ/ އެމްއެންޑީއެފް

މިއީ މިއަދު ހިނގި ދެވަނަ އަލިފާނުގެ ހާދިސާއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. ގުދަނެއް ގޮތަށް ހުރި އެ ތަނުގައި ރޯވެފައި ވަނީ ކުނި ތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގެ އިތުރުން މިއަދު ފަތިހު ވެސް ވަނީ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުމެއް ލިބިފައެވެ. ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައާއެކު، އެ ފިހާރަ ކައިރީގައި ޕާކުކޮށްފައި ހުރި 15 ސައިކަލު ވަނީ އަނދައި އަޅިއަށް ވެފައެވެ.

މި ހާދިސާގައި އެއްވެސް ގެއަކަށް އަދި މީހަކަށް އަނިޔާ ނުވި ނަމަވެސް ފިހާރައިގެ މުދާތައް ސަލާމަތްކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް