އަލިފާނުގެ ސަބަބުން މީހުން ދިރިއުޅޭ ތަނަކަށް ގެއްލުމެއް ނުވޭ: އެންޑީއެމްއޭ

ވެގަ ޕޮއިންޓު ފިހާރައިގައި ރޯވެ ލިބުނު ގެއްލުންތައް --- ފޮޓޯ/ އެމްއެންޑީއެފް

ގަލޮޅު ރަތްވިލާ ގޯޅީގައި ހުންނަ ވެގަ ޕޮއިންޓު ފިހާރައިގައި ރޭ ފަތިހު އަލިފާން ރޯވެ އެ ފިހާރަ އެއްކޮށް އަނދައިފައިވާއިރު، އެ އަލިފާނުގެ ސަބަބުން މީހުން ދިރިއުޅޭ ގެޔަކަށް ގެއްލުން ވެފައި ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު 'ސަން'އަށް ބުނީ ރޯވި ތަނާ އިންވެެގެން ހުރީ ގުދަނެއް ކަމަށާއި، އެހެންވެ އަލިފާނުގައި މީހުން ދިރިއުޅޭ ތަނަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ރައްކާތެރި ތަންތަނަށް ގެންދިޔަ މީހުން އަނބުރާ ގެއަށް ފޮނުވާފައިވާ ކަމަށާއި ވަގުތީ ބޯ ހިޔާ ވަހިކަމެއް ބޭނުންވާ އެއްވެސް ފަރާތެއް ނެތް ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ރޭ ފަތިހު 4:37 ހާއިރު ވެގަ ޕޮއިންޓު ފިހާރައިގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިންވާލީ ހެނދުނު 7:00ހާ އިރެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މީގެ ދެ ހަފުތާ ކުރިން މާލޭގެ ގުދަނެއްގައި ވެސް ރޯވެ، ގެއްލުންތަކެއް ވެފައިވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވެއެވެ.

comment ކޮމެންޓް