ހުޅުމާލޭ ކޮންޓޭނަރު ޕާކުގައި ކޯވޯކިން ސްޕޭސް އެއް ހުޅުވައިފި

ހުޅުމާލޭގައި ކޮންޓޭނަރު ޕާކުގައި ހުޅުވި ކޯވޯކިން ސްޕޭސް --- ފޮޓޯ/ އާބަންކޯ

ހުޅުމާލޭގައި އާބަންކޯއިން ތަރައްގީކޮށްފައިވާ ކޮންޓޭނަރު ޕާކުގައި އެކި މީހުންނަށް އެކުގައި މަސައްކަތް ކުރެވޭނެ ފަދަ ކޯވޯކިން ސްޕޭސް އެއް މިއަދު ހުޅުވައިފިއެވެ.

މި ތަން މެނޭޖުކުރާނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިންނެވެ. މާލޭގައި "ސީޑް"ގެ ނަމުގައި އެކުންފުނިން މިހާރު ވެސް އެފަދަ ތަނެއް ހިންގައެވެ.

އަލަށް ހުޅުވި ތަނުގައި 16 ވޯކް ސްޓޭޝަނާއި، މީޓިން ރޫމުގެ ވަސީލަތް ހިމެނެއެވެ.

އެއީ އަލަށް ފަށާ ވިޔަފާރިތަކަށާއި، ސްޓާޓް އަޕްތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވަން، ފަންނީ އެހީއާއި، ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރި ތަނެކެވެ.

ހުޅުމާލޭގައި ކޮންޓޭނަރު ޕާކުގައި ހުޅުވި ކޯވޯކިން ސްޕޭސް --- ފޮޓޯ/ އާބަންކޯ

އެތަން މެނޭޖުކުރުމާ ބެހޭ އެމްއޯޔޫގައި ބީސީސީ އާއެކު އާބަންކޯއިން ސޮއިކުރީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން، އެތަން ބޭނުންކުރާ މީހުންނަށް ބީސީސީގެ ކޮންސަލްޓޭޝަން އަދި، އެޑްވައިޒަރީ ޚިދުމަތް މެދުވެރިކޮށް ވިޔަފާރި ތަމްރީން އަދި، ވިޔަފާރި ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އޭގެ ތެރޭގައި ބިޒްނަސް ޕްލޭނިން، މާކެޓިންގް، އިދާރީ ހިންގުން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިން އަދި ބުކްކީޕިން ފަދަ ދާއިރާތަކުން އެހީތެރިކަން ލިބޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

comment ކޮމެންޓް