ޕޯޑިއަމަކަށް އައިސް ވާހަކައެއް ދައްކާއިރަށް ސަރުކާރުން އެ ކަން ކޮޕީކުރޭ: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫގައި ވާހަކަ ދައްކަވަނީ --

ޕޯޑިއަމެއްގައި އޭނާ ވާހަކައެއް ދައްކަވާއިރަށް، އެ ކަން ސަރުކާރުން ކޮޕީކުރަމުންދާކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް ފެއްޓެވި ކެމްޕޭން ދަތުރުތައް ނިންމައިލުމަށް މިރޭ ކ. ތުލުސްދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި އެ ރަށުގެ ރައްޔިތުންގެ ގާތުގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން އެ ރަށް ސިޓީއަކަށް ބަދަލުކޮށްދޭން އޭނާ ވައުދުވެވަޑައިގެންނެވިކަމަށެވެ.

"ދެ ދުވަސް ނުވެ ސިޓީއަކަށް ހެދިތަން ފެނުނީ. ވަރަށް އުފާކުރަން، ތިނަދޫ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ ކަމުގައި ތަފާތެއް އެބައޮތް ކަމަށާއި ޕީޕީއެމް، ޕީއެންސީއަކީ ނަމުން އެކަނި ކަމެއް ކޮށްލާނެ ބައެއް ނޫންކަމަށާއި އެ ކޯލިޝަނުން ދައްކާނީ ކަމުން ކަން ކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ދަތުރުގައި ބޭރު ނަން ބޯޑުގައި ހޮސްޕިޓަލް ޖަހައިފައި ހުރި އެ ތައް ރަށަކަށް ދެވިއްޖެކަމަށާއި އެ ތަންތަނުގެ ފެންވަރު ސިއްހީ މަރުކަޒަކަށްވުރެ ވެސް ދަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ތިނަދޫގައި ވެސް ތިނަދޫ ސިޓީ ޖެހިދާނެ، އެކަމަކު އެ ތަނަށް ކަމެއް ނުކޮށްދެންޏާ ނެތް އިޚްލާސްތެރިކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބަށް ދެތިން ދުވަހަށްވުމުން މަޝްރޫތައް ފައްޓަން ސާމާނު ގެންދިއުމުން ރައްޔިތުން ގަބޫލުނުުކުރާނެ ކަމަށާއި އެ ގޮތަށް ރައްޔިތުން "ގުނބޯ ނުހެއްދޭނެ" ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ ތައުލީމީ، ލޯ ހުޅުވިފައި ތިބި ޖީލެއް ކަމަށާއި ދެ ތިން ދުވަހަށް ވުމުން އެ ފަދަ ކަންކަން ކޮށްގެން ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ބައިތިއްބަން ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމަ ވަރަށް ސީރިއަސް ކަމެއް ކުރަން މި ޖެހެނީ. އަޅުގަނޑުމެންގެ ގައުމާ މިހެން ތޮޅެން ޖާގަ ދީގެން ނުވާނެ. މީގެ ކުރީގައި ވެސް މާޒީގައި ވެސް މިހެން ކަންކަން ކޮށްފައި އެބަހުރި،" މުއިއްޒު ވިދާޅުވިއެވެ.

އެ ކަން ތަކުރާރުކުުރުމުގައި ރާއްޖޭގެ ރައްޔިތުން ބައިވެރި ނުވެ، ގައުމު ސަލާމަތްކުރަން ދިވެހީންގެ ރާއްޖެއަށް ދާން ނިންމަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ގޯތި ދިން ގޮތަށް ވެސް މުއިއްޒު ވަނީ ފާޑުވިދާޅުވެފައެވެ.

"މާލޭގެ ގޯތިގެދޮރުގެ މައްސަލައަކީ ވެރިކަމަށް އަންނަންވީ އެންމެ ބޮޑު ވައުދު. ހަމަ އޭގައި ވެސް މި ވީ ކަޑަޖަހާ އުސޫލުން ކުރި ކަމަކަށް. ދެތިން ދުވަހަށް ވީމަ ކަނޑުންނާއެކުގައި ގޯތި ދީ ނިންމައިފި،" މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ މެނިފެސްޓޯގައި ހުޅުމާލެ، ގިރާވަރުފަޅު އަދި ގުޅީފަޅުން ދިން ގޯތި ހަގީގަތަކަށް ހަދައިދީ އެ ގޯތިތަކުގައި ގެދޮރު އެޅުމަށް ސަރުކާރުގެ ކުންފުނިތަކުން އެހީތެރިވެދިނުން ހިމަނައިފައި އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުށި ދިއްގަރުފަޅު ހިއްކާ 60،000 ގެދޮރު ގާއިމުކޮށްދޭން ވެސް ނިންމައިފައިވާކަން މިރޭ ވެސް ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުން އަދި ރައްޔިތުންނަށް އެހެން އޮޅުވައިލައިފައި ބޭރު ގައުމެއްގެ ސިފައިން ބައިތިއްބައިގެން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ވިއްކައިލައި ވާހަކަ ދެއްކިޔަސް ރައްޔިތުން އެބަޖެހޭ އެއަަށްވުރެ ބޮޑަށް ހޭއަރަން،" މުއިއްޒު ވިދާޅުވިއެވެ

މީގެ ކުރިން، ށ. ފުނަދޫގައި އޮތް ޖަލްސާއެއްގައި މުއިއްޒު ވަނީ ޕާކިން ޖޫރިމަނާތައް މާފުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް، މިރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އެ ޖޫރިމަނާތައް މާފުކުރަން ނިންމަވައިފައެވެ.

comment ކޮމެންޓް