ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން 70 ޗެނަލް އެންމެ 30 ރުފިޔާއަށް ބަލައިލެވޭ އެސްއެސް ޕްލޭގެ ޚިދުމަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން އެސްއެސްނެޓުގެ ކޮންޓެންޓު މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މަރިޔަމް ނައުފާ ވިދާޅުވީ މިހާރު އެސްއެސްނެޓުގެ އައިޕީޓީވީގެ ޚިދުމަތް ހޯދާ މީހުންނަށް ރަޖިސްޓާ ކުރުމަކާ ނުލައި، ޓީވީގެ ނަންބަރު ޖަހައިގެން އެޕަށް ލޮގިން ވެވޭނެ ކަމަށެވެ. އެ ޚިދުމަތް ނުހޯދާ މީހުންނަށް ވެސް އެސްއެސްޕްލޭގެ އެޕް ޑައުންލޯޑުކޮށްލައިގެން ފަސޭހަކަމާ އެކު ރަޖިސްޓާ ކުރެވޭނެއެވެ.
ރާއްޖެއާއި، ދުނިޔޭގެ އެންމެ މަގުބޫލު ޗެނަލްތައް ބަލައިލުމަށް، އެސްއެސްޕްލޭއިން ޖީބަށް ލުއި ދެ ޕެކޭޖެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ޕެކޭޖުތައް އެންމެ 30 ރުފިޔާ އާއި 60 ރުފިޔާއަށް އެކްޓިވޭޓްކޮށްލައިގެން ޚިދުމަތް ހޯދޭނެއެވެ.
އެ ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހިން އާންމުކޮށް ބަލައިއުޅޭ ހުރިހާ ޗެނަލެއް ފެންނައިރު، އޭގެ ތެރޭގައި ރާއްޖޭގެ ޓީވީ ޗެނަލްތަކާއި، ބޭރުގެ ޚަބަރުތަކާއި ދީނީ މައުލޫމާތާއި، މުނިފޫހި ފިލުވުމުގެ ޗެނަލްތައް ވެސް އެއް ތަނަކުން ލިބެން ހުންނާނެއެވެ.
މޯބައިލް ޑިވައިސެއް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ތަނަކު ހުރެގެން ކޮންމެ ވަގުތަކު ވެސް ހަލުވިކަމާއި އިތުބާރާ އެކު، އެ ޚިދުމަތް ހޯދޭނެއެއެވެ.
މި ވަގުތު އެސްއެސްޕްލޭ އެޕް ލިބެން ހުރީ އެންޑްރޮއިޑް ޑިވައިސްތަކަށް، ގޫގުލް ޕްލޭ ސްޓޯރުންނެވެ. ވަރަށް އަވަހަށް އައިއޯއެސްއަށް ވެސް އެ އެޕް ލިބޭނެ ކަމަށް ނައުފާ ވިދާޅުވިއެވެ. އެސްއެސް ޕްލޭއާ ގުޅޭ އިތުރު މައުލޫމާތު އެސްއެސް ނެޓް ވެބްސައިޓުން ވެސް ލިބޭނެއެވެ.