''ރައިހާ''ގެ ޝޫޓިން ނިންމާލައިފި

ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ ފުރަތަމަ ޑުރާމާ ސިލްސިލާ، "ރައިހާ"ގެ ޝޫޓިން ނިންމާލައިފިއެވެ.

ރައިހާ ޑުރާމާ ސިލްސިލާ މި އަހަރުގެ ތެރޭގައި އާންުމު ޕްލެޓްފޯމަކުން ފެންނާނެކަމަށް އެސްއެސްމީޑިއާއިން ބުނެއެވެ.

މި ސިލްސިލާ ޑައިރެކްޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ ރާއްޖޭގައި މަޝްހޫރު އެތައް ފިލްމަކާއި ޑުރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް އުފައްދާފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ)އެވެ. ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ މި ސިލްސިލާގެ ސިނަމެޓޯގްރަޕީ މަސައްކަތްކުރަނީ އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން، މުހައްމަދު ޝާނެވެ.

މި ޑުރާމާ ސިލްސިލާގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ޑައިރެކްޓަރު އަލީ ބުނީ، ކަނޑައެޅި ތާރީޚަށް މަސައްކަތް ނިންމާލެވުނީ އެ ކަމުގައި ޝަމިލުވާ އެންމެންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު ކަމަށެވެ.

އެސްއެސް މީޑިއާގެ ފުރަތަމަ ޑްރާމާ ސިލްސިލާ "ރައިހާ"ގެ ޝޫޓިން ނިންމާލައިފި: އެސްއެސްމީޑިއާއިން ބުނީ ރައިހާ ޑުރާމާ ސިލްސިލާ މި އަހަރުގެ ތެރޭގައި އާންުމު ޕްލެޓްފޯމަކުން ފެންނާނެކަމަށް -- ސަން ފޮޓޯ

"ވަރަށް ފުރިހަމަ ވާނެ ޑުރާމާ ސިލްސިލާއެއް މިއީ. މި ވާނީ ބެލުންތެރިންނަށް ސަޕްރައިޒަކަށް،" ޑުރާމާ ސިލްސިލާގެ މުޅި ޝޫޓިންއާ މެދު ދެކޭގޮތް ހިއްސާކުރަމުން އަލީ ބުންޏެވެ.

މުޅި ޑުރާމާ ސިލްސިލާ ޝޫޓްކޮށްފައިވަނީ މ. މުލަކުގައެވެ. އަދި، މި ޑުރާމާ ސިލްސިލާގެ ކާސްޓުންގެ ގޮތުގައި ވެސް އެ ރަށުގެ ކުދިން ފެނިގެންދާނެ ކަމަށް އަލީ ބުންޏެވެ.

"މުޅި ޑުރާމާ ސިލްސިލާގެ މަސައްކަތް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ،" އަލީ ބުންޏެވެ.

އެސްއެސް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީން ވިދާޅުވީ، ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ މި ޑުރާމާ ސިލްސިލާއަކީ އަދި ފެށުމެއް ކަމަށެވެ. މިއީ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންނަށް ފުރުސަތު ތަނަވަސްކޮށްދިނުމާ އެކު ވިޔަފާރި އުސޫލުން މަންފާ ހޯދުމަށް އެސްއެސް މީޑިއާއިން ކުރާ މަސައްކަތެއް ކަމަށް ޒަހީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެސްއެސް މީޑިއާއިން މިފަދަ ޑުރާމާ ސިލްސިލާތަކާއި އެހެނިހެން އުފެއްދުންތައް ވިޔަފާރީގެ އުސޫލުން ނެރެން މަސައްކަތް ކުރާނެ ކަމަށް ޒަހީން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް ކުރިއެރުން ލިބި، ދިވެހި ފަންނުވެރީންނަށް ފުރުސަތު ލިބުމަކީ އެސްއެސް މީޑިއާގެ މަގުސަދުކަމަށް އޭނާ ވިދާޅުވިއެވެ.

އެސްއެސް މީޑިއާގެ ފުރަތަމަ ޑްރާމާ ސިލްސިލާ "ރައިހާ"ގެ ޝޫޓިން ނިންމާލައިފި: އެސްއެސްމީޑިއާއިން ބުނީ ރައިހާ ޑްރާމާ ސިލްސިލާ މި އަހަރުގެ ތެރޭގައި އާންުމު ޕްލެޓްފޯމަކުން ފެންނާނެކަމަށް -- ސަން ފޮޓޯ

ޖުމުލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ މި ސިލްސިލާގެ ސްކްރިޕްޓާއި ސްކްރީންޕްލޭ ލިޔެފައިވަނީ އާމިނަތު ރިނާޒާ (ރިނާ)އެވެ. ރިނާއަކީ މީގެ ކުރިން ބަލްގިސް، ހަނާ، ޔަޝްނާ ފަދަ މަޝްހޫރު އެތައް ޑުރާމާއެއްގެ ވާހަކައާއި ސްކްރީންޕްލޭ ލިޔެފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ.

ރައިހާ ޑުރާމާ ސިލްސިލާގެ އިސް ރޯލުތައް އަދާކުރާ އެކްޓަރުންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދެ ފަންނާނުން ހިމެނެއެވެ. އެއީ، އަލީ އާޒިމް (ދޮން އައްޔަ) އާއި އާމިނަތު ނޫރާއެވެ.

މި ޑުރާމާ ސިލްސިލާގައި ދެން އެންމެ ތަފާތު ރޯލަކުން ފެނިގެންދާނީ، އަލީ އުސާމް (ދޮނާ)އެވެ. ދޮނާއަކީ މި ސިލްސިލާގައި އެކްޓަރެއްގެ އިތުރުން މޭކަޕް އާޓިސްޓް ވެސް މެއެވެ. އަދި، މި ސިލްސިލާގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ އިތުރުން ކޮސްޓިއުމް ކޯޑިނޭޓްކުރުމުގެ މަސްއޫލިއްޔަތު ވެސް އުފުލަނީ ދޮނާއެވެ.

މި ސިލްސިލާއިން ދެން ފެންނާނީ މުޅިން އާ ތަރިއެކެވެ. އަލަށް ޑުރާމާ ސިލްސިލާއަށް ތަޢާރަފުކުރެވޭ ލައިޝާ ލަތީފްގެ ހުނަރުވެރިކަން ވެސް މި ސިލްސިލާގެ ތަފާތު ރޯލަކުން ފެންނާނެ ކަމަށް އެސްއެސް މީޑިއާއިން ބުނެއެވެ.

comment ކޮމެންޓް