މަދަހަ ރަން އަޑު ސީޒަން 5 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މަދަހަ ރަން އަޑު މުބާރާތުގެ މީގެ ކުރީގެ ސިލްސިލާއެއްގެ ތެރެއިން --

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން ރަމަޟާން މަހު ގެނެސްދޭ "މަދަހަ ރަން އަޑު"ގެ ފަސްވަނަ ސީޒަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މަހު ފަހުކޮޅު ބާއްވާ މުބާރާތުގައި ވާދަކުރަން ހުޅުވައިލި ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެކަމަކު، އެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކުރަން މިހާރު ވަނީ ނިންމައިފައެވެ.

މިއުޒިކް އެންޑް އާޓް ސެންޓަރުން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރަން ނިންމީ ވީހާ ވެސް ގިނަ ބައިވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މަދަހަ ރަން އަޑު ސީރީސް އަކީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ބާއްވަމުން އަންނަ ސިލްސިލާ މަދަހަ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 158 ބައިވެރިން މަދަހަ ކިޔާފައިވެއެވެ. މަދަހަ ރަން އަޑު ސީޒަން ފަހެއް ޚާއްސަ ކުރެވިފައިވަނީ ގިނަ އަހަރުތަކެއް ވާންދެން މަދަހަ ކިޔުއްވާފައިވާ އަލްމަރްޙޫމް މުހައްމަދު ރަޝާދުގެ ނަމުގައެވެ.

މި މުބާރާތުގެ ޖޫނިއާ ގްރޫޕްގައި ވާދަ ކުރާނީ ހަ އަހަރުންދަށާއި، ނުވަ އަހަރުން ދަށާއި، 11 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންނެވެ.

އަދި، ސީނިއާ ގްރޫޕްގައި ވާދަ ކުރާނީ 13 އަހަރުންދަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނެވެ. މީގެ އިތުރުން، ޒުވާނުންގެ ޢުމުރުފުރާގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ބައިވެރިންނަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

މަދަހަ ރަން އަޑު މުބާރާތްތަކުގައި ރަށްފުށުގެ ރީތި މަންޒަރުތައް ހިމެނޭ ވާޗުއަލް ދުރުން ގެނެސްދޭ މަދަހަތައް ވެސް ދަނީ ބައިވެރިކުރަމުންނެވެ. މިގޮތުން ވޭތުވެ ދިޔަ ހަތަރު މުބާރާތުގައި އެއްވަނަ، ދެވަނަ، އަދި ތިންވަނަ އަތޮޅާއި އެއްވަނަ، ދެވަނަ، އަދި ތިންވަނަ ރަށް ވެސް ވަނީ ހޮވާފައެވެ. ވޭތުވެދިޔަ މުބާރާތުގައި ވަނަތަކަށް އައި ބައިވެރިންނަށް އަގު ބޮޑު އިނާމުތަކެއް ވަނީ ދީފައެވެ. މި ފަހަރުގެ މުބާރާތުގައި ވެސް އަތޮޅުތަކުން މަދަހަ ބައިވެރިކުރުމުގެ ފުރުޞަތުވަނީ ހުޅުވާލައިފައެވެ.

މިދިޔަ ވއަހަރު މަދަހަ ރަން އަޑުގެ ވެރިއަކަށް ހޮވިފައިވަނީ ޒުވައިލް ޢަލީ ޠާރިޤްއެވެ. މަތީ ވަނަތަކަށް އައި ދަރިވަރުންނަށް ރަޢީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ އިނާމު ދެއްވާފައެވެ.

"މަދަހަ ރަން އަޑު ސީޒަން 5 - މުޙައްމަދު ރަޝާދު އެވޯޑްސް"ގައި ބައިވެރިވުމަށް އެދޭ ބައިވެރިން ގޫގުލް ފޯމް ފުރުއްވުމަށްފަހު ފޮނުވަން ވަނީ އެދިފައެވެ. އަދި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9990997 އަދި 7886256 ގުޅަން ވަނީ އެދިފައެވެ.

މި މުބާރާތުގެ މި އަހަރުގެ ސިލްސިލާގެ މީޑިއާ ޕާޓްނަރަކީ އެސްއެސްމީޑިއާއެވެ.

comment ކޮމެންޓް