ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ކެމްޕޭނުގައި ހދ. ކުޅުދުއްފުއްޓަށް މިއަދު ހަވީރު އެ މަނިކުފާނު ވަޑައިގަތުމާއެކު ހާހަކަށްވުރެ ގިނަ ރައްޔިތުން ނިކުމެ ހޫނު މަރުހަބާއެއް އެ މަނިކުފާނަށް ކިޔައިފިއެވެ.
ހދ. އަތޮޅަށް ރައީީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ކުޅުދުއްފުއްޓަކީ މި ރިޔާސީ ކެމްޕޭނުގައި ރައީސް ވަޑައިގެންނެވި 148ވަނަ ރަށެވެ.
ގާތްގަނޑަކަށް ގަޑިއިރެއް ހުރިހާ ރައްޔިތުންނާ ސަލާންކުރަން ހޭދަވިއިރު މިއީ މިހާތަނަށް އެންމެ ގިނަ ވަގުތު ނަގައި، އެންމެ ގިނަ ރައްޔިތުން ނިކުމެ ކީ މަރުހަބާއަށްވާނެއެވެ.
ކުޅުދުއްފުށިން ރައީސަށް މަރުަހަބާ ކިޔުމަށް ޓަކައި ހާހަކަށްވުރެ ގިނަ ރައްޔިތުންވަނީ ނިކުމެފައި -- ފޮޓޯ/ އެމްޑީޕީ
މި ރަށަށް އެ މަނިކުފާނު ވަޑައިގެންނެވިއިރު އެންްމެ އިސްކޮށް އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި ހުންނެވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.
ހަމައެއާއެކު މި ސިޓީގެ ކައުންސިލްގެ އިސްވެރިން ވަނީ ސަފުގެ އެންމެ ކުރީގައި ރައީސަށް މަރުހަބާ ދަންނަވައިފައެވެ. އޭގެ ތެރޭގައި މޭޔަރު މުހައްމަދު އާތިފް ހިމެނެއެވެ.
މި ދެ ބޭފުޅުން އެމްޑީޕީގައި ހުންނެވުމަށްފަހު، ޚިޔާލު ތަފާތުވުންތަކުގައި ޑިމޮކްރެޓްސްއަށް ސޮއިކުރައްވައި، އެ ޕާޓީން ވަކިވެވަޑައިގެންމ އަލުން އެމްޑީއާ ގުޅިވަޑައިގަތީ މިދިޔަ މަހުގެ 15ގައެވެ.
ރަައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މެމްބަރު ޔާސިރު ރައީސަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ/ އެމްޑީޕީ
މީގެ އިތުރުން އެ މަނިކުފާނާ ސަލާންކޮށް މަރުހަބާ ކިޔުމަށް ޓަކައި ދަމައިލައިފައި އޮތް އާންމު ރައްޔިތުންގެ ސަފު ބަނދަރުން ފެށިގެން ގޮސް އެއްގަމާ ހަމައަށް ވަރަަށް ދުރަށް ދަމައިލައިފައިި އޮތެވެ.
މި ސިޓީގެ ރައްޔިތުން އެއް އަޑަކުން ގޮވަމުން އައީ ދެވަނަ ދައުރަކަށް ރައީސް ހޮވަން ބޭނުންވާ ވާހަކައެވެ.
"މި ރަށުގެ ފުރިހަމަ މެޖޯރިޓީ މި ރަށުން އަޅުގަނޑުމެން ހޯދައިދޭނަން. އަޅުގަނޑުމެން އެކަކު ވެސް ބަދަލެއް ނުވާނެ،" މި ސިޓީން އެންމެ ފުރަތަމަ އެމްޑީޕީއަށް ސޮއިކުރި 10 މެމްބަރުންގެ ތެރޭގައި ހިމެނޭ އާންމު މެމްބަރަކު ބުންޏެވެ.
މީގެ އިތުރުން ރައީސް ޞާލިހުގެ ދެވަނަ ދައުރުގައި މި ސިޓީއަށް އަންނާނެ ތަރައްގީގެ މުހިންމު މަޝްރޫތަކާމެދު ވެސް މި ސިޓީގެ ރައްޔިތުންގެ އުންމީދުތައް ބޮޑެވެ.
ކުޅުދުއްފުށިން ރައީސަށް މަރުަހަބާ ކިޔުމަށް ޓަކައި ހާހަކަށްވުރެ ގިނަ ރައްޔިތުންވަނީ ނިކުމެފައި -- ފޮޓޯ/ އެމްޑީޕީ
އެގޮތުން މި ސިޓީގެ އެއާޕޯޓު އިތުރަށް ތަަރައްގީވުމާއި، މި ރަށުގައި އޮންނަ ޕޯޓު އިތުރަށް ތަރައްގީވުމަކީ ވެސް މި ރަށު ރައްޔިތުން ކުރާ އުންމީދެކެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިތުރު ތަރައްގީއާއި ކުރިއެރުން. އެކަން ވާނީ ރައީސަށް. އެ އިތުބާރު ކުރަން،" އާންމު މީހަކު ބުންޏެވެ.
ހދ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މި ސިޓީއަކީ އެ މަނިކުފާނު ވަޑައިގެންނެވި މި އަތޮޅުގެ އެންމެ ފަހު ރަށެވެ.
ދެން އެ މަނިކުފާނު ވަޑައިގަންނަވާނީ ރ. އަތޮޅުގައި މިހާތަނަށް ޒިޔާރާތް ނުކުރެވި އޮތް އަލިފުށީ ދާއިރާގެ ރަށްތަކަށެވެ.