ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވަން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ނިންމަވައިފިއެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މެޑަމް ފާތުން މިރޭ, ކާނިވަލުގައި ހުންނަ ޕީޕީއެމްގެ ކެމްޕޭން އޮފީހަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ ތަނުގައި އެ ޕާޓީގެ ކެމްޕޭން ޓީމުތަކާ އެ ކަމަނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ، މި އަހަރުގެ ރިޔާސީ ކެމްޕޭންގައި މެޑަމް ފާތުން ބައިވެރިވެލައްވާ ފުރަތަމަ ފަހަރެވެ.
މުއިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގަންނަވަން އެ ކަމަނާ ނިންމަވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ތާއީދު މުއިއްޒަށް ނެތް ކަމަށް ދައްކަން އެހެން ޕާޓީތަކުން މަސައްކަތް ކުރާ ދަނޑިވަޅެއްގައެވެ.
ޔާމީންގެ ވެރިކަމުގައި އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައި ވެސް ވަރަށް އަމަލީ ގޮތުން ފާތުން އުޅުއްވިއެވެ. އެކަމަކު، މުއިއްޒުގެ ކެމްޕޭންގައި މިހާތަނަށް ބައިވެރިވެލައްވައިފައެއް ނުވެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޕީޕީއެމްގެ ފަރާތުން ފުރަތަމަ ހުށަހެޅީ ޔާމީންގެ ކެންޑިޑެސީ ފޯމެވެ. އެކަމަކު، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ދިޔައިރު، ޕީއެންސީން ވަނީ ޔާމީން ނެތް ހާލަތެއްގައި ވާދަކުރުމަށް ޕީއެންސީގެ ސެނެޓުގައި ޕްރައިމަރީއެއް ބާއްވައިފައެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މުއިއްޒެވެ.
އެކަމަކު، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވައިފައެވެ. ދެ ފަހަރަށް އެންގެވި ނަމަވެސް ޕީޕީއެމް/ޕީއެންސީން ނިންމީ އިންތިޚާބުގައި ވާދަކުރާށެވެ. އެހެންވެ، އެންމެ ފަހު ވަގުތު ޔާމީން ވަނީ ގޮތް ދޫކުރައްވައި މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.