އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ ދޭން ހުކުމް ކޮށްފި

މުހައްމަދު ހަމީދު (އެމްސީ ހަމީދު)

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކި ކުރީ ގޯސް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިއްރު މައުލޫމާތެއް ލީކު ކުރި ކަމުގެ ތުހުމަތު ކުރެވި އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ ވަޒިފާއިން ވަކި ކުރުމުގެ އިތުރުން ދޫނިދޫގައި ބަންދު ވެސް ކުރި އެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ނިންމީ ހަމީދަށް އަލުން ވަޒީފާ ދިނުމަށެވެ. އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ނިންމީ ހަމީދު ވަކި ކުރީ ރަނގަޅަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ހަމީދުގެ ފަރާތުން ހުށަހެޅި ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެ ފަހުން ސެޕްޓޭމްބަރު މަހު އޮތް ރިޔާސީ އިންތިހާބަށް ފަހު އަނެއްކާ ވެސް ހަމީދުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ވަނީ ބަލައިގަނެފަ އެވެ.

ހަމީދު ވަޒީފާއިން ވަކި ކުރީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށް މައްސަލަ ސާބިތުވާ ވަރަށް ހަމީދާ ދެކޮޅަށް ހެކި ހުރި ކަމަށް ބުނެ އެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ހަމީދު މަގާމުން ވަކި ކުރަން ބޯޑުން ނިންމި ނަމަވެސް، ހެކި ހުރި ކަމަށް ބުނެ ވަޒީފާ އިން ވަކި ކުރުމަކީ އެއީ ގަވާއިދުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހަކު ޖިނާއީ ކަމެއްގައި ވަޒިފާއިން ވަކި ކުރެވޭނީ ހުކުމެއް އިއްވީމަ ކަމަށް ގަވާއިދުން އެނގެން އޮންނަ ކަން ހުކުމުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ކަމުން، އެ މައްސަލައިގައި ހުކުމެއް އިއްވާފައި ނުވަނީސް، ޖިނާއީ ތަހުގީގެއްގައި ހުރި ހެކިތަކަކަށް ބަލާފައި ހަމީދު ވަޒީފާއިން ވަކި ކުރީ ގަވާއިދާ ހިލާފަށް ކަމަށް މިއަދު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އޭނާ ވަކި ކުރީ ގަވާއިދާ ހިލާފަށް ކަނޑައެޅުމުގެ ނަތީޖާއަކަށް ވަނީ އޭނާ އަކީ ވަޒީފާ ނުގެއްލޭ މީހެއްގެ ގޮތުގައި ބެލުން ކަމަށް ހުކުމުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެ މައްސަލާގައި ހަމީދު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށް ދައުލަތުން ވެސް ވަނީ މީގެ ކުރިން އެއްބަސްވެފަ އެވެ. ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ގަވައިދާއި އިދާރީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގަވައިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް ހަމީދު ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިނުވާ ކަމަށް އެ މައްސަލައިގެ އަޑުއެހުމެއްގައި ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް