ނަބާ އާއި ނަބީއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް

އައިއޯއައިޖީ 2023ގެ ބެޑްމިންޓަން ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި ނަބާ އާއި ނަބީ -- ފޮޓޯ/ މުހައްމަދު ޝާބިން، އެމްއޯސީ

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) އާއި އައި އައިމިނަތު ނަބީހާ (ނަބީ) ރަން މެޑަލް ހޯދައިފިއެވެ.

އެއްމާބަނޑު ދެބެއިން ކަމަށްވާ ނަބާ އާއި ނަބީ ވަނީ މިއަދު އަންހެނުންގެ ބެޑްމިންޓަން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ވާދަކޮށްފައެވެ. އެ މެޗުގައި އެ ދެ ކުޅުންތެރިން ނުކުތީ މޮރިޝަސްގެ ޓީޖޭ ބޯދާ އާއި ކޮބިޓާ ދޯހީއާ ދެކޮޅަށެވެ.

ނަބާ އާއި ނަބީ، ރަން މެޑަލް ހޯދާފައިވަނީ މޮރިޝަސްގެ ޕެއާ، ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެ ދެ ކުޅުންތެރިން ސެޓުތައް ގެންގޮސްފައިވަނީ 21-14 އަދި 21-15 އިންނެވެ.

އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ބެޑްމިންޓަންގައި ޑަބަލްސް އިވެންޓުން ހޯދި މެޑަލްގެ އިތުރުން އަންހެން އަދި ފިރިހެނުންގެ ސިންގަލްސް އިވެންޓާއި މިކްސް ޑަބަލްސް އިވެންޓް ހިމެނެއެވެ. ފިރިހެނުން ސިންގަލްސްގައި އަހުމަދު ނިބާލް ލޯ މެޑަލް ހޯދި އިރު، ޒަޔާން ހުސައިން ޒަކީ އާއި ނަބާ ވަނީ މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑަލްއެއް ހޯދައިފައެވެ. އަދި އަންހެނުންގެ ސިންގަލްސްގައި ނަބާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީއެކޭ އެއްގޮތަށް މިފަހަރުގެ ގޭމްސްގައި ވެސް ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދީފައިވަނީ ޓޭބަލް ޓޭނިސް އިންނެވެ. މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ޖުމަލަ 27 މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް