އއ. ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް އެމްޑީޕީއަށް ސޮއި ކުރުމާ އެކު އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެއްޖެއެވެ.
އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވި ހުޝާމް, އެމްޑީޕީއަށް ސޮއި ކޮށްފައިވަނީ އިއްޔެ ހިމަންދުއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގެންފައިވަނިކޮށެވެ.
އެމްޑީޕީގެ ސްޕަ މެޖޯރިޓީ އޮތް ހިމަންދޫ ކައުންސިލްގެ އަންހެނުނަނަށް ހާއްސަކުރި ދެ ގޮނޑި ފިޔަވައި އަނެއް ތިން ގޮނޑި ވެސް މީގެ ކުރިން ވަނީ އެމްޑީޕީއަށް ގެއްލިފައެވެ. އަދި، އޭރު އެ ތިން ގޮނޑިއަށް އިންތިޚާބުވެފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ތިން މެންބަރުންނެވެ.
އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ހިމަންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެ ޕާޓީއާ އަލަށް އެ ރަށުން ގިނަ އަދަދެއްގެ މެންބަރުން ގުޅިފައިވާތީ ޝުކުރު ދަންނަވާފައެވެ.
ކައުންސިލްގެ ރައީސްގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ބައެއް މެންބަރުން ވެސް އިއްޔެ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.
"ކައުންސިލްގެ ރައީސް ހުޝާމަށާއި މިއަދު އަލަށް ގުޅިވަޑައިގަތް ޑަބްލިއުޑީސީގެ މެންބަރުންނަށާއި އަދި ފަންސާހަށްވުރެ ގިނަ މެންބަރުން މިއަދު އަޅުގަނޑުމެންނާ ގުޅުވަޑައިގެންފައިވާތީ އެ ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވަން. އަޅުގަނޑަށް މިއަދު މި ފެންނަނީ އެމްޑީޕީގެ ސްޕަ މެޖޯރިޓީ އިރާދަކުރެއްވިއްޔާ 9 ސެޕްޓެމްބަރުގައި އަޅުގަނޑުމެންނާ އެކު އޮތް ތަން. ވަރަށް ބޮޑަށް ޝުކުރިއްޔާ," ރައީސް ޞާލިހް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހުޝާމް ވިދާޅުވީ, އޭނާ އެނބިރު އެމްޑީޕީއަށް ސޮއި ކުރެއްވީ, އެ ރަށަށް ކޮށްދެއްވާނެ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވި ކަންކަން ރަނުން ރަނަށް ކޮށްދެއްވަމުން ގެންދަވާތީ ކަމަށެވެ. އޭގެ ތެރޭގައި 16 ޕްރޮޖެކްޓް ހިމަނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.