އެންވަޔަރަމެންޓު މިނިސްޓްރީން 10،000 ޑޮލަރު އިނާމަކަށް ލިބޭ ހެކަތަންއެއް ބާއްވަނީ

މޯލްޑިވްސް އޯޝަން ހެކަތޮން އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ--

"މޯލްޑިވްސް އޯޝަން ހެކަތަން"ގެ ނަމުގައި ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ފައިސާގެ އިނާމެއް ހުށަހެޅިގެން ބާއްވާ ހެކަތަން އިފްތިތާހުކޮށް، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފްލާއެއްގައި، މި ހެކަތަން އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު އާމިނަތު ޝައުނާ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ނާޒުކު ވެއްޓެއް އޮންނަ، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރެވޭނީ، ވީ އެންމެ އަވަހަކަށް އަންނަމުންދާ ބަދަލުތައް ދެނެގަނެވިގެން ކަމަށެވެ.

އަދި މި ގޮތަށް ލިބޭ ގެއްލުންތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފަންނީ އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގަވައިދުން ރިކޯޑު ކުރެވި ރަނގަޅަށް އެއްކުރެވޭ ޑޭޓާ ލިބުމުގެ މުހިންމު ކަމާއި، އެއީ މިހާރު އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ގޮންޖެހުމަށް އޮތް އެންމެ ބޮޑު ހައްލަކީ ޑިޖިޓަލް ޓެކްނޮލޮޖީ ކަމާށާއި، މި ހެކަތަން އަކީ، މޫސުމީ ބަދަލުތަކާއި، ޓެކްނޮލޮޖީ އެއް ވުޒާރާއެއްގެ ފުރާޅުގެ ދަށަށް ގެނެސް، ވޭތުވެ ދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުގެ ކާމިޔާބީގެ ފެށުން ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

މޯލްޑިވްސް އޯޝަން ހެކަތޮން އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ--

މި ހަފްލާގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުޙައްމަދު ޝަރީފް ވިދާޅުވީ މި ހެކަތަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 15 އިން ފެށިގެން 17 އާ ހަމައަށް ކްރޮސްރޯޑްސްގައި ކަމަށެވެ. ދެ ދުވަހަށް ދެމިގެން ދާ މި ހެކަތަންގައި ފަސް މެންބަރުންނާ ތިން މެންބަރުންނާ ދެމެދުގެ ޓީމުތަކަކަށް ބައިވެރިވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުން ޖާގަދޭ ދިހަ ޓީމުގެ ތެރެއިން އެއްވަނަ ޓީމަށް 10,000 އެމެރިކާ ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވެއެވެ.

މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމެންޓު މިނިސްޓްރީން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހެކަތަންގައި ރަޖިސްޓްރީ ކުރެވޭނީ މި ހަރަކާތުގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށެވެ. ރަޖިސްޓްރޭޝަން ގެ މުއްދަތު ހަމަވާނި 30 ސެޕްޓެމްބަރ 2023 ވަނަދުވަހުގައެވެ.

comment ކޮމެންޓް