ކަރަންޓަށް ތެޔޮ އެތެރެކުރަން މަހަކު ކުރާ ހޭދަ 110 ޕަސެންޓު އިތުރުވެ، 116މިލިއަނަށް އުފުލިއްޖެ: ސަރުކާރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދިވެހިރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރާ ޚަރަދު ވަރަށް ބޮޑަށް އުފުލިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ކުރިން މަހެއްގެ މައްޗަށް 50 މިލިއަން ޑޮލަރު ޚަރަދުވި ނަމަވެސް، މިހާރު އެ އަދަދު ވަނީ 110 އިންސައްތަ އިތުރުވެ، 116 މިލިއަން ޑޮލަރަށް އަރާފައެވެ. ރާއްޖެއަށް ބޭނުންވާ ތެލުގެ 98 އިންސައްތަ ގެންނަނީ އޮމާނުން ކަމަށްވުމާއެކު، ސަޕްލައިއަށް ބުރޫއެރުމުގެ ބިރު އޮތުމުން، ސަރުކާރުން ދަނީ އެހެން ގައުމުތަކުން ތެޔޮ ގެނައުމުގެ މަގުތައް ހޯދަމުންނެވެ. އަދި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމާއި، ގައުމީ ތެލުގެ ރިޒާވެއް ގާއިމުކުރުމަކީ މި ދަނޑިވަޅުގައި ސަރުކާރުގެ މުހިންމު އަމާޒެކެވެ.

  • ތެޔޮ އެތެރެކުރުމުގެ ޚަރަދު 110 އިންސައްތަ އިތުރުވެ، މަހަކު 116 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.
  • ރާއްޖެއަށް އެތެރެކުރާ ތެލުގެ މައިގަނޑު މަސްދަރަކީ އޮމާނަށް ވުމުން، އެ ގައުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
  • ބަދަލުގައި އެހެން ގައުމުތަކުން ތެޔޮ ގެނައުމަށް މަސައްކަތްކުރަމުންދާއިރު، ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
  • ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.
  • ދިގުމުއްދަތުގެ ހައްލެއްގެ ގޮތުން، ގައުމީ ތެލުގެ ރިޒާވެއް ގާއިމުކުރުމާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ސަރުކާރުން ތެޔޮ އެތެރެކުރުމަށް ޓަކައި ކުރާ ހޭދަ ކުރިއަށްވުރެ 110 ޕަސެންޓު އިތުރުވެ، މިހާރު މަހަކު 116 މިލިއަން ޑޮލަރު މިހާރު ޚަރަދުކުރަންޖެހިފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައިގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ޓަކައި މަހަކު ހޭދަވަނީ 50 މިލިއަނެއްހާ ޑޮލަރު ޚަރަދުކުރާ ކަމަށެވެ.

ނަމަވެސް ހަނގުރާމައިގެ ސަބަބުން މާޗު މަހުން ފެށިގެން މަހަކު 116 މިލިއަން ޑޮލަރު ތެޔޮ އެތެރެކުރުމަށް ޚަރަދުވާ ކަމަށް، އަޙްމަދު ޢަލީ ވިދާޅުވިއެވެ. އެއީ 110 ޕަސެންޓުގެ އިތުރުވުމެކެވެ. ނުވަތަ ޚަރަދަށް އިތުރުވި 61 މިލިއަން ޑޮލަރެވެ.

"މީގެ ކުރީގަ މެދުއިރުމަތީގަ ދިމާވެގެން އުޅޭ މައްސަލައިގެ ކުރިން ގާތްގަނޑަކަށް 50އަކަށް މިލިއަން ޑޮލަރު މަހެއްގެ މައްޗަށް އެބަ ޚަރަދުކުރަންޖެހޭ ތެޔޮ އެތެރެކުރުމަށް، އެކަމަކު މިހާރު އެ އަދަދު 116 މިލިއަން ޑޮލަރު މަހަކު، އެއީ މަހު މާޗު ހިސާބަށް ބެލިކަމަށްވާނަމަ،"

އަދިވެސް ހަނގުރާމަ ކުރިއަށްދާތީ ތެލަށް ކުރާ ޚަރަދު އިތުރުވުން އެކަށީގެންވާ ކަމަށް، އޭނާ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ޢަލީ: ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން މަހަކު ތެލަށް ކުރާ ޚަރަދު 116 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އަޙްމަދު ޢަލީ ވިދާޅުވިގޮތުގައި، ރާއްޖޭގައި ފޮސިލް ރިޒާވެއް ނެތުމާއި، ބޭރު ގައުމުތަކުން ގެންނަ ތެލަށް ބަރޯސާވާތީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައުމުން އޭގެ އަސަރުކުރެއެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ޑީސަލް، ނޫނީ ރާއްޖޭން ބޭރުން އިމްޕޯޓުކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭން ލިބެން ހުރި އިޔާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތަކަށް ދާން،" އަޙްމަދު ޢަލީ ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ތެލުގެ 98 އިންސައްތަ ހިއްސާކުރަނީ އޮމާނުންނެވެ. މެދުއިރުމަތީގައި ބޮޑެތި ހަމަނުޖެހުންތައް ހިނގުމުން، ތެލުގެ ޝިޕްމެންޓުތަކަށް ބުރޫ އެރުމުގެ ފުރުސަތު އޮވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބްރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައަށް ފަހު ދިވެހި ސަރުކާރުން ވަނީ ތެޔޮ ގެނައުމުގައި އޮމާނަށް ބަރޯސާވުން ކުޑަކޮށް، އެހެން ބައެއް ގައުމުތަކުން ވެސް ތެޔޮ ގެނެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.

މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން މި މެއި މަހު ބައި މިލިއަން ޓަނުގެ ތެޔޮ، ހޮންކޮންގް ނޫން އެހެން ސަރަހައްދުތަކަށް ބޭރުކުރަން ވަނީ ހުއްދަ ދީފައެވެ. އެ ގައުމުން އެގޮތަށް ނިންމައިފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ ބޭރު ނުކުރަން މިދިޔަ މަހު ނިންމުމަށް ފަހެވެ. މިދިޔަ މަހު އެ ގައުމުން ކޮންމެވެސް މިންވަރަކަށް ތެޔޮ ބޭރުކުރަން ނިންމައިފައިވާއިރު، މި މަހަށް ކަނޑައަޅައިފައިވާ އަދަދަކީ އޭގެ ދެގުނަ އަދަދެއް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ނޫހުގައި ވަނީ ޗައިނާއިން އެ ތެޔޮ ވިއްކާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒިލެންޑް އަދި ސްރީ ލަންކާ ހިމެނޭ ކަމަށެވެ. އެގޮތުން ވިއްކާ ބައި މިލިއަން ޓަނުގެ ތެރެއިން 40 ޕަސެންޓް ހިއްސާކުރާނީ ޑީސަލާއި ޖެޓް ފިއުލް ކަމަށް ވެސް، ނަން ހާމަ ނުކުރާ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްގައިވެއެވެ.

https://sun.mv/221332

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލި ރާއްޖޭގައިވެސް ތެލަށް ކުރާ ޚަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަން ހާމަކޮށްފައެވެ. އަދި ތެލުގެ ގައުމީ ރިޒާވެއް ގާއިމްކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްްޒު މިދިޔަ މާރިޗު މަހު ހާމަކުރައްވައިފައިވެއެވެ.

comment ކޮމެންޓް