''ކުރަން ނުކުރަން އުޅޭ'' ތުޅާދޫ އެއާޕޯޓު އަޅައިފައި ދައްކާނަން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު ތުޅާދޫއަށް ވަޑައިގެންނެވުން --

މި ސަރުކާރުން "ކުރަން ނުކުރަން އުޅޭ" ބ. ތުޅާދޫ އެއާޕޯޓު ނިންމަވައިދެއްވާނީ އޭނާގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.

ކެމްޕޭން ދަތުުރުގައި މިއަދު ތުޅާދުއަށް ވަަޑައިގެން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ތުޅާދޫ އެއާޕޯޓުގެ މަސައްކަތް އުޅެނީ "ކުރަން ނުކުރަން" ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ވެރިކަމެއްގައި އެ ކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

"އަޅުގަނޑުމެންނަކީ ކުރަންކުރަން ތިބޭ ބައެެއް ނޫންކަން ފަސް އަހަރުގެ ރައީސް [އަބްދުﷲ] ޔާމީންގެ ދައުރުގައި ފެނިވަޑައިގެންފައިވާނީ ދިވެހި ރައްޔިތުންނަށް،" މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ހުސް ވައުދެެއް ނުވާނަން. ފައިސާ ހޯދާ ގޮތާއި ހުރިހާ ޓެކްނިކަލް މައުލޫމާތެއް އަޅުގަނޑުމެންގެ ޓީމުގައި ހުންނާނެ،"

މުއިއްޒު ވިދާޅުވީ އެއާޕޯޓާ ގުޅިގެން ވަރަށް ގިނަ ކުރިއެރުންތައް މި ރަށަށް ވެސް އަންނާނެ ކަމަށެވެ.

ޑރ. މުއިއްޒު ތުޅާދޫގައި ވާހަކަ ދައްކަވަނީ --

މީގެ އިތުރުން، މި ރަށުގެ ހައުސިން ޔުނިޓްތައް ނުނިންމާ ހުޅުވިކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެ ކަމަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑުމެން ކަންކަން ކުރާނީ އިހްލާސްތެރިކަމާ އެކު. މި ރަަށަށް ބޭނުންވަނީ 100 ހައުސިން ޔުނިޓެއް ނޫން ހަމަ ގައިމު ވެސް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރަށުގައި ބިމުގެ ދަތިކަން އެބައޮތް ކަމަށާއި ބިން ހިއްކުމަށް ފަހު ސޯޝަލް ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، މި ރަށު ހޮސްޕިޓަލް އަޅަން ނިންމި ބިން އޮތީ ރައްޔިތުން ބޭނުންވާ ތަނެއްގައި ނޫން ކަމަަށެވެ.

"ރައްޔިތުންނަކާ ސަރުކާރަކާ ނެތް ކަނެކްޝަނެއް. ކަނެކްޝަން ކެނޑިފައި ހުރީ،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އޭނާ ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވެރިކަމެއް ކަމަށާއި އެ ފަދަ ވެރިކަމެއް ނޫންނަމަ ރައްޔިތުންގެ ފަރާތުން ވެރިކަމެއް ހޮވުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގެ މަގުތައް ހެދުމަށާއި ޒުވާނުންނަށް ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދެއްވުމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.

މި ރަށަކީ ލިޔެލާޖެހުމުގެ ފަންނުގައި އެންމެ ބޮޑަށް ކުރިއަރައިފައިވާ އެއް ރަށަށް ވާތީ އެ ކަމުގެ ތަމްރީން މަރުކަޒެއް މި ރަށުގައި ގާއިމުކޮށްދެއްވަނެކަމަށް އޭނާ ވިދާޅުވިއެވެ.

ތުޅާދޫ އެއާޕޯޓަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް، ދައުރު ނިމެން ކުޑަ ދުވަސްކޮޅަަކަށް ވެފައިވަނިކޮށް އެ އެއާޕޯޓް އަޅަން ބިން ހިއްކަން ފެށީ މީގެ ދެ ދުވަސް ކުރިންނެވެ.

comment ކޮމެންޓް