ފަންނާނުންނަށާއި، ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ލޯނެއް ތައާރަފުކޮށްފި

އެސްޑީއެފްސީގެ އާ ލޯނުތައް ތައާރަފުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ، އެސްޑީއެފްސީ އިން ކްރިއޭޓިވް އާޓިސްޓުންނަށާއި، ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ލޯނުތަކެއް ތައާރަފުކޮށްފިއެވެ.

މިރޭ އިއުލާނުކުރި ލޯނުތަކުގެ ތެރެއިން، އާޓިސްޓުންނަށް ހާއްސަ ލޯނު ލިބެނީ އާޓްސް މިނިސްޓްރީގައި ރަޖިސްޓްރީ ވެގެން މަސައްކަތް ކުރާ ފަންނާނުންނަށެވެ. އެ މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ވެފައިވާން ޖެހެއެވެ.

"ފަންނުވެރި ނަފާ"ގެ ނަމުގައި ދޫކުރާ އެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ؛

  • މިއުޒިޝަނުން
  • މިއުޒިކް/ ކްރިއޭޓިވް އާޓްސް އިންސްޓްރަކްޓަރުން
  • ފޮތް ލިޔުންތެރިން
  • ލަވަކިޔުންތެރިން
  • ކުރެހުންތެރިން
  • އެނިމޭޓަރުން
  • ޑިޒައިނަރުން

އެ ސްކީމުގެ ދަށުން ފައިސާ ލިބެނީ 50،000ރ އާއި، 250،000ރ ދެމެދުގެ އަދަދަކަށެވެ. އެ އަދަދު ކަނޑައަޅާނީ އާޓިސްޓެއްގެ އާމްދަނީގެ މައްޗަށް ބިނާކޮށެވެ.

ޓެކްސީތަކަށް ހާއްސަ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށެވެ. އެއީ އަމިއްލަ ކާރެއް ނެތި، ޓެކްސީ ލައިސަންސުގައި އެ މަސައްކަތް ކުރާތާ އަހަރެއް ވެފައިވާ މީހުންނަށް ކާރެއް ގަތުމަށާއި، މަދުވެގެން ދިހަ އަހަރުވަންދެން އަމިއްލަ ކާރުގައި ޓެކްސީ ކުރި މީހުންނަށް އާ ކާރެއް ގަތުމަށެވެ.

އެ ލޯނުގެ ދަށުން 300،000ރ އާ ހަމައަށް ފައިސާ ލިބެއެވެ. އަދި ގަންނަ ޓެކްސީ ރަހުނެއްގެ ގޮތުގައި ބަހައްޓަން ޖެހެއެވެ.

މި ދެ ލޯނަށް ވެސް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހެއެވެ. ހަ ޕަސެންޓާއި، އަށް ޕަސެންޓާ ދެމެދުގެ އިންޓަރެސްޓެއްގައި ދެ ލޯނު ވެސް އަނބުރާ ދައްކަންޖެހެނީ ފަސް އަހަރުންނެވެ. ފައިސާ އަނބުރާ ދައްކަން ފެށުމުގެ ކުރިން ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

އެ ލޯނުތައް ތައާރަފުކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްއެމްއީ ބޭންކުގެ ސީއޯއޯ ނާޒިމް ހަބީބް ވިދާޅުވީ އާޓިސްޓުންނަށް ހާއްސަ ލޯނަކީ ދެ އަހަރު ދުވަހުގެ މަސައްކަތުން ތަރައްގީކުރި މަޝްރޫއެއް ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ ކްރިއޭޓިވް އާޓްސް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ވަރަށް ގިނަ ބައްދަލުވުންތަކެއް އެކި މަންޒިލްތަކުގައި ބާއްވާފައި. މި ބޭއްވުނު ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް އަންޑަސްޓޭންޑު ވެގެންދިޔަ އެބޭފުޅުންނަށް އެވާ ދަތި،" އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެ ބޭންކުގައި މިހާރު ހުރި ލޯނުތަކުގެ ތެރެއިން ވެސް ގިނަ އާޓިސްޓުންތަކަކަށް އެހީވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޑްރައިވަރުންގެ ލޯނަކީ ވެސް މީގެ ތިން އަހަރު ކުރިން ފެށި މަސައްކަތެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ވެސް މަސައްކަތްތަކެއް ކުރިން ޑްރައިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިހާތަނަށް އެސްޑީއެފްސީން 1400އެއްހާ ލޯނު ވަނީ ދޫކޮށްފައެވެ. އޭގެ ޖުމްލަ އަގު 1.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ލޯނުތަކުގެ ސަބަބުން ބައެއް ރަށްތަކުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެެނެސްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް