މީހަކު ރަހީނުކޮށް ފޭރުނު ކަމުގެ ތުހުމަތުވާ ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް

ސްޓެޕް އައްޔަ: އޭނާގެ ބަންދަށް މިއަދު ވަނީ 15 ދުވަސް އިތުރު ކޮށްފަ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

ފުލުހުން މިއަދު ބުނީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި ސްޓެޕް އައްޔަގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ވަނީ ހުށަހަޅާފައި ކަމަށާއި, އަނިޔާ ލިބުނު މީހާގެ ބަޔާނުން ސްޓެޕް އައްޔަގެ ބައިވެރިވުން އޮތްކަމަށް ބުނެފައިވާ ކަމަށެވެ.

ދިފާއުގައި ސްޓެޕް އައްޔަ ބުނެފައިވަނީ އެ އަމަލު ހިންގާފައިވަނީ އެހެން ބައެއް ކަމަށާއި, ހާދިސާ ހިނގި ތަނަށް އޭނާއަށް ދެވުނުއިރު އެކަން ވަނީ ނިމިފައި ކަމަށެވެ. އަދި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އޭނާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މައްސަލަ ފުލުހުންނަށް ހުށަހެޅީ ކާކު ކަމެއް ބުނެފައެއް ނުވެއެވެ.

އެ މައްސަލައިގައި އަނިޔާ ލިބުނު މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހެއްގެ ކޭޝްކާޑު ސްޓެޕް އައްޔަގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ކޯޓުގައި ބުނެފައެވެ.

މި މަހުގެ ތެރޭގައި ތަފާތު މައްސަލައަކާ ގުޅިގެން ވެސް ސްޓެޕް އައްޔަ ހޯދަން ފުލުހުން އިއުލާންކުރިއެވެ. އޭރު ފުލުހުން ބުނީ އެއީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރު ކުރުމުގެ ޗިޓު ހަވާލު ނުކުރެވި، އޭނާ އުޅޭ ތަނެއް ނޭނގޭތީ ކަމަށެވެ.

އޭގެ ފަހުން، ސިޔާސީ ތަފާތު ޕާޓީތަކުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތްތަކުން ސްޓެޕް އައްޔަ ފެނިފައިވެއެވެ.

މީގެ ކުރިން ފިލްމީ ދާއިރާގައި ހަރަކާތްތެރިވެ މަޝްހޫރުވެފައިވާ ސްޓެޕް އައްޔަ ފަހުން ބޮޑަށް ފެނިފައި ވަނީ ސިޔާސީ ދާއިރާއިންނެވެ.

comment ކޮމެންޓް