ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފިނަމަ އިންޑިއާއިން އެކަން މާނަކުރާނީ އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހީން ރުހޭ ކަމަށް، ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އަވައްޓެރި އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އޭރު ގާސިމް ގެންދެވީ ފާޅުގައި އެކަން ދޮގުކުރައްވަމުންނެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށާއި ތިބި ނަމަ އެމަނިކުފާނަށް ވެސް އެނގޭނެ ކަމަށް ކުރިން ވިދާޅުވިއެވެ. ނަމަވެސް މިހާރު މިވަނީ އެ ރާގު ވަރަށް ބޮޑަށް ބަދަލުވެފައެވެ.
ކެމްޕެއިންގެ ތެރެއިން ބޯވިއްސާރަގައި ޅ. ނައިފަރަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް "އަކުރުން އަކުރަށް" ރާއްޖޭގެ ގާނޫނު އަސާސީ އެނގޭނެ ކަމަށެވެ. އެހެންކަމުން މަޖިލީހުން ފާސްކޮށްގެން ނޫން ގޮތަކަށް އެގޮތަށް އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބެވޭނެކަން އެ ސިފައިންނަށް އެނގޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް ޞާލިޙަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ މިބާވަތުގެ ކަންކަން ކުރީމައި އެ ބޭފުޅަކަށް ވެރިކަން ހޯދައި ދިނުމުގެ މަސައްކަތް ކޮށް ނުދެވޭނެ ކަމަށެވެ.
"މި ހުރިހާ ވާހަކައެއް މިހާ ސާފުކޮށް ކިޔައިދެމުން ދަނިކޮށް ތިބޭފުޅުން އިބްރާހީމް މުޙައްމަދު ޞާލިޙް ފުރަތަމަ ބުރުން ވެސް ނުވަތަ ދެވަނަ ބުރުން ވެސް ހޮވަން ފުރުސަތު ދީފި ކަމަށްވަންޏާ އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އޭރުން އިންޑިއާ ސަރުކާރަށް ވަރަށް ސާފުކޮށް ބުނަން އޮންނާނެ ބަލަ ދިވެހި ރައްޔިތުން ވޯޓްލީ މި ހުރިހާ ކަންތައްތަކެއް ހުއްޓާ އިންޑިއާގެ ސިފައިން މިތާގައި ތިއްބަސް ހެޔޮ ކަމަށް ނޫންހޭ. އެހެންވީމައި ތިމަންނަމެންނަށް އެބައޮތޭ އިތުރު އާމީ ފޯސަސް މިތަނަށް ގެނައުމުގެ ބާރު،" ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިވެހި ރައްޔިތުން ގަބޫލުތޯ މި ރާއްޖެ ސެކަންޑް ނުވަތަ ތާޑް ކެޓަރަގީއަށް ވައްޓާލާފައި އިންޑިއާ އެއޮތް ބޮޑު ގައުމުގެ މީހުން އަރައި މިތަން ފުރާލަން؟"
ގާސިމްގެ ވާހަކައިގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ސާފުކޮށް ވިދާޅުވެ، ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ވިސްނާ ވަޑައިގަންނަވާ ރާއްޖޭގެ ހަތަރު ފަސް ސަރަހައްދެއްގައި އެބަ އުޅޭ އިންޑިއާ ސިފައިން. އަޅުގަނޑުމެން އިންޑިއާ ދެކެ ރުޅި އަންނަނީއެއް ނޫނޭ އިނގޭތޯ. އަޅުގަނޑުމެން ހަމަ ވެލްކަމް އިންޑިއާ. އެކަމަކު ގާނޫނާއި ގާނޫނު އަސާސީގައި ވާގޮތުގެ މަތީން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރި ކަމަށް ވިސްނައިގެން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖެ މިއަދު ދެކެފައިވާ ތަރައްގީތައް ގެނެވުނީ ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ކަމަށެވެ. އެކަމަކު މިހާރު ގައުމު "އަނގުރު އަލިފާނަށް" ވެއްޓޭތަން ފެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބި އަދަދެއް ރަސްމީކޮށް ސަރުކާރުން ހާމަ ނުކުރާތީ ރައްޔިތުންނަށް އެ މައުލޫމާތު ސާފު ނުވާ ކަމަށެވެ. ނަމަވެސް އެ ސިފައިން އުޅެމުން އަންނަނީ ދިވެހީންގެ ކުރިމަތީގައި ކަމަށާއި އެހެންވެ ރައްޔިތުންނަށް އެކަން ހިނގާކަން ސާފުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ދޮގުކުރެއެވެ. ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މި ފަހުން ރައީސް ޞާލިޙް ވެސް ވިދާޅުވީ މި ގައުމުގައި އެހެން ގައުމެއްގެ ސިފައިން ނެތް ކަމަށާއި ވާދަވެރިން އެ ވާހަކަ ދައްކަވަނީ ފިތުނަ އުފެއްދުމަށް ކަމަށެވެ.
ގާސިމް ވިދާޅުވިގޮތުގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް މައި އެއާޕޯޓް ދިނީ އެކަމާ ދެކޮޅު ހައްދަވަނިކޮށެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ޖީއެމްއާރުގެ އަތުން އެ އެއާޕޯޓް އަތުނުލިނަމަ ރާއްޖޭގެ މިނިވަންކަން މާ ކުރިން ގެއްލުނީސް ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ކެމްޕެއިނަށް ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކުރަމުން އަންނަނީ "ލަދެއް ހަޔާތެއް ނެތި" ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ވެރިކަން ކުރުމަށް އެމްޑީޕީއާއި ޕީޕީއެމް ވެސް ފެއިލް ވެއްޖެ ކަމަށާއި އިތުރު ފިކުރަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.