ކުލަވި ހަގީގަތާ އެކު ތަރައްގީއަށް އައި އިންގިލާބީ ބަދަލަށް ފަސް އަހަރު

މެއި 24، 2020: "ތޫފާނު"ގެ ތެރެއިން އައި ހިމޭން ފިތުރު އީދު 1441 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ފަސް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ހުޅުވި ސިނަމާލެ ބުރިޖަކީ މިއަދު ހަމައެކަނި ބްރިޖެއް ނޫނެވެ. އެއީ އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ފާލަމެކެވެ. އެތައް ބަޔަކަށް ލިބުނު ތަސައްލީއެކެވެ. ރައްޖެއާއި ޗައިނާގެ ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރަން އަކުރުން ފަވާލެވުނު އިންގިލާބީ ބަދަލެއް ގެނުވި މަޝްރޫއެކެވެ.

ބްރިޖުގެ މި ބޮޑު މަޝްރޫއަށް މިއަދު ފަސް އަހަރު ފުރުން ފާހަގަ ކުރާއިރު، މާޒީގެ ތެރެއަށް ސަފުހާއެއް އެއްލާ ބަލާލަން އެބަ ޖެހެއެވެ. އޭރު ހުޅުމާލޭގައި ދިރިއުޅުނު ރައްޔިތުން އުފުލީ ބުރަ އަދި ބޮޑު ތަކުލީފެކެވެ. ބޭނުންވާ ހުރިހާ ޒަރޫރީ ޚިދުމަތްތަކެއް ހޯދަން ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ކަނޑު ހުރަސްކޮށް އަންނަން ޖެހެނީ މާލެއަށެވެ.

އެ މީހުން އެކަން ކުރަނީ މާ ފަސޭހަ ވެގެނެއް ނޫނެވެ. ނަމަވެސް އިތުރު ގޮތެއް ނެތީމައެވެ. ކިތަންމެ ވިއްސާރަ ނަމަވެސް ދަރިން ސްކޫލަށް ފޮނުވަން ޖެހެއެވެ. ކާންބޯން މަސައްކަތް ވެސް ކުރަން ޖެހެއެވެ.

އޮގަސްޓް 30، 2018: ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ: 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެޅި ބްރިޖު ހުޅުވުމަށް މިރޭ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭރާ މިހާރާ އަޅާ ބަލާއިރު ހުޅުމާލޭގެ އާބާދީ ވެސް ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދު ވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން މާލޭ ސަރަހައްދަށް ބަދަލު ވެސް ވިއެވެ. މިއަދު މި ސިނަމާލެ ބްރިޖު ފެންނަން ނެތް ނަމަ ހުޅުމާލޭ ރައްޔިތުން އުފުލާނެ ތަކުލީފު ޚިޔާލަށް ވެސް ނުގެނެވެއެވެ.

ބްރިޖުގެ ސަބަބުން ލިބުނު ތަސައްލީގެ ވާހަކަ އެތައް ބަޔަކު ދައްކައެވެ. ބްރިޖު ހުޅުވުމާ އެކު ރައްޔިތުންގެ ހިތްތައް އުފަލުން ފޮޅި، އެތައް ހަފުލާއެއް ބްރިޖުމަތީ ބޭއްވިއެވެ. އެގޮތުން އެމްއެންޔޫގެ ގްރެޖުއޭޝަނާއި ކައިވެނި ހަފުލާތައް ވެސް ބްރިޖުގައި ބޭއްވިއެވެ. އޭރު ބްރިޖާ ދެކޮޅު ކިތަންމެ ބަޔަކު ވެސް މިއަދު އެ ބްރިޖަކީ ރައްޔިތުންނަށް ޒަރޫރީ ގޮތުން ބޭނުންވާ ފާލަމެއް ކަމަށް އެބަ ބުނެއެވެ.

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް، ރައްޔިތުން ދެކުނު ބްރިޖުގެ ހުވަފެން ކުލަ ކުރުންވީ އެކަމުގައި ގިނަ ގޮންޖެހުންތަކެއް އެކުލެވުނު މަސައްކަތަކަށެވެ. އެކަން ބްރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނިން ވެސް ފާހަގަކުރިއެވެ.

އެގޮތުން އެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މާ ކަނޑުގައި ބްރިޖުގެ ހޮޅިތައް ޖެހުމެވެ. ރައީސް ޔާމީން ދެއްކެވި ބްރިޖުގެ މި ހުވަފެނަކީ ބިލާހެއް ކަމަށް އެތައް ބަޔަކު ގަބޫލުކުރި ހަގީގީ ސަބަބަކީ ވެސް މިއެވެ. އެގޮތުން ކަނޑުގެ މެދުގައި ބްރިޖެއް އެޅުމަކީ ފަސޭހަ ކަމަކަށް ނުވާނޭކަމަށް އެތައް ޓެކްނީޝަނުންނެއް ވެސް އޭރު ދިޔައީ ވިދާޅުވަމުންނެވެ.

އެ ވާހަކަތައް ދެކެވިދެކެވި ހުއްޓާ ތިން އަހަރު ފަހުން ބްރިޖުގެ މަސައްކަތް ނިންމާ 2018ވަނަ އަހަރުގެ އޯގަސްޓް މަހުގެ 30ވަނަ ދުވަހު ރައީސް ޔާމީނާއި ޗައިނާގެ މަންދޫބު ވެންގް ޝިއާޓާއޯ ވަނީ މި ބްރިޖު ހުޅުވާފައެވެ.

އޮގަސްޓް 30، 2018: ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ: 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެޅި ބްރިޖު ހުޅުވުމަށް މިރޭ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާނެ -- ސަން ފޮޓޯ/ އަހުމަދު އައުޝަން

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސިނަމާލޭ ބްރިޖުގެ މަގުސަދަކީ އެތައް ދިވެހި ރައްޔިތުންނެއް ކަނޑު ހުރަސްކޮށް ކޮންމެ ދުވަހަކު އެ ކުރާ ދަތުރަށް ނިމުމެއް ގެނައުން ކަމަށެވެ.

ހުޅުމާލޭ ރައްޔިތުންނާއި ހުޅުލެއަށް ދަތުރުކުރާ މީހުން ކުރާ އެ ދަތުރު ނިމުނުތާ މިއަދަށް ފަސް އަހަރުވީއެވެ. ސިނަމާލޭ ބްރިޖަށް ފަސް އަހަރުގެ ފުރުމުގެ މުނާސަބަތުގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމިންގެ ވިޝަނަރީ ލީޑާޝިޕްގެ ދަށުން ކުރެއްވި މި މަސައްކަތަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒީ ނިޝާނެއް ކަމަށެވެ.

އަދި، މި ބްރިޖުން ގުޅުވައިދެނީ ދެ ރަށް ނޫން ކަމަށާއި މި ބްރިޖުން މުޅި ގައުމަށް އުންމީދާއި ދިރުން ގެނުވާކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް