ރައީސްގެ މެނިފެސްޓޯ ފަދަ ދެވަނަ މެނިފެސްޓޯއެއް ގެނައުމަކީ ކުޅަދާނަ ކަމެއް ނޫން: ސިޔާމް

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދު --

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯ ފަދަ ދެވަނަ މެނިފެސްޓޯއެއް ގެނައުމަކީ އެހެން ކެންޑިޑޭޓަކަށް ކުޅަދާނަކަމެއް ނޫން ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫގައި ބޭއްވި ރައީސް ޞާލިޙުގެ ރިޔާސީ ކެންޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ޞާލިޙުގެ މެނިފެސްޓޯ ފަދަ ދެވަނަ މެނިފެސްޓޯއެއް ތައްޔާރުކުރުމުގެ ކުޅަދާނަކަން އެހެން ކެންޑިޑޭޓަކަށް ލިބިފައި ނެތް ކަމަށާއި އަދި އެކަމުގެ ހުނަރާއި ގާބިލުކަމެއް ވެސް އެ ބޭފުޅުންގެ ކިބައިގައި ނުހުންނާނެ ކަމަށެވެ.

ސިޔާމް ވިދާޅުވީ ރައީސް ޞާލިހުގެ މެނިފެސްޓޯގައި އިސްތިސްނާވާ ރަށެއް، ނުވަތަ ރައްޔިތަކު ނެތް ކަމަށާއި އެގޮތުން ދެ ޖިންސުގެ ކުދިބޮޑު އެންމެންނަށް ވާނެ ފައިދާއާއި ގައުމަށް އަންނާނެ ކުރިއެރުންތައް އެ އޮތީ ވަރަށް ސާފުކޮށް ފެންނާން ކަމަށެވެ.

މި ޖަލްސާގައި ސިޔާމް ވަނީ ރައީސް ޞާލިހުގެ އިގުތިސާދީ ތަސައްވުރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ ރައީސްގެ ޒައާމަތުގައި ރާއްޖޭގެ އިގުތިސާދު ދެގުނައަށްވުރެ ބޮޑުވާނެ ކަމަށާއި އަދި އެމަނިކުފާނު އަބަދުވެސް ދައްކަވަނީ ކުރެވޭނެ ކަންކަމުގެ ވާހަކަ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަމާއެކު އެނގޭ ރާއްޖޭގެ އިގުތިސާދު ދެގުނައަށްވުރެ ބޮޑު ވާނެކަން. ވަރަށް ކުޑަކުޑަ އަދަދެއް އެ ވިދާޅުވަނީ. ދެ ގުނަ އިތުރުކޮށްދޭނަމޭ. އެއަށް ވުރެ މާ ބޮޑުވާނެ. މި ސަރަހައްދުގެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެގެން ދިޔައިމަ މި ސަރަހައްދުގެ ކޮންމެ ރަށެއްގައި ރަށު ފަތުރުވެރިކަން ފަތުއަޑު ކިޔާފައި ދާނެ،" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއް ކަމަށާއި އެކަމަކު، ރައީސް ޞާލިޙުގެ ހިކުމަތުއަމަލީގެ ސަބަބުން އެ ގެންދަވަނީ ރައްޔިތުން ތަރައްގީ ކުރުމަށް ތައުލީމާއި ތަމްރީން ދެމުން ކަމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގުތިސާދު އަނެއްކާވެސް އެތައް ތަނަކުން މައްޗަށް ދިޔުން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިފަހަރުގެ ކެންޕޭން ދަތުރުތަކުގައި ރާއްޖޭގެ ސަތޭކައަށްވުރެ ގިނަ ރަށަށް ވަޑައިގެންނެވިއްޖެ ކަމަށާއި އެތަނުން ހަމަ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ތިބީ މިއަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް ޞާލިޙަށް އެއްބުރުން ކާމިޔާބުކޮށްދިނުމަށް ކެތް މަދުވެފައި ކަމަށެވެ.

comment ކޮމެންޓް