ލ. އަތޮޅަށް އިތުރު އެއާޕޯޓަކާއެކު ރިސޯޓުތައް ތަރައްގީކުރުމަށް ރައީސް ވައުދުވެވަޑައިގެންފި

ރައީސް ލ. އިސްދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީކުރުމާއެކު އެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިތުރު ރިސޯޓުތައް ތަރައްގީކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެެ.

ތ. އަތޮޅުގައި ކެމްޕޭން ނިންމަވައިލެއްވުމަށްފަހު ލ. އަތޮޅަށް ރައީސް ފެއްޓެވި ކެމްޕޭމްގައި އެންމެ ފުރަތަމަ ވަޑައިގަތީ އިސްދޫއަށެވެ.

އެ ރަށުގައި ވާހަކަފުުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅުގައިި އިތުރު އެއާޕޯޓެއް އެެޅުމުގެ ވާހަަކަ އަތޮޅުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަކަމަށެވެ.

"އެއާ ދޭތެރޭގައި އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި އަންނަނީ. އަދި ފައިނަލް ޑިސިޝަނެއް އެއަކަށް ނުނަގައި. އިރާދަކުރެއްވިއްޔާ މި އަތޮޅުގައި އަދި އިތުރު އެއާޕޯޓެއް، އެންމެ މަދުވެގެން އެއް އެއާޕޯޓް އަޅުގަނޑުމެން އަޅައިނަން. އަދި ތަން މުޅިން ފައިނަލް ނުވާތީ އިއުލާންކުރަން އަދި ދަތި،" ރައީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ އެއާޕޯޓު އަޅާނެ ތަން ނިންމާނީ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އެއަށްފަހު އިތުރު ތަފްސީލް ހާމަކުރައްވާނެ ކަމަށް ރަައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރަހައްްދުގައި އިތުރަށް ފަތުރުވެރިކަން ތަރައްގީކުރުމަށް މިހާރު ފޮނަގާދޫ އޮތީ ބަޔަކަށް ޓެންޑާކުރެވި، ސޮއިކޮށް ފަހު ނިންމުން ނިންމުމާ ހިސާބުގައިކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ސަރަހައްދުގައި ރިސޯޓުތައް ތަރައްގީކުރެވިގެން ދާތަން ކުރިއަށް އޮތް ދައުރުގެ ތެރޭ ފެންނާނެ،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މި އަހަރު ނިމުމުގެ ކުރިން އެ އަތޮޅުގައި ވެސް އާރްޓީއެލް ފެރީގެ ދަތުރުތައް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި އިސްދުއަށް ކޮށްދެއްވާނެ ކަންކަން:

  • ހައުސިން ޕްރޮޖެކްޓެއް ތަރައްގީކުރުން
  • ސިޓީ ހޮޓަލެއް ތަރައްގީކުރުން
  • ތާރު ނޭޅި ހުރި ބޮޑެތި މަގުތަކުގައި ތާރުއެޅުން
  • މޫދަށް އެރެން އާޓިފިޝަލް ބީޗެއް ތަރައްގީކުރުން
  • ޒުވާނުންނަށް ވޮލީކޯޓަކާއި އިންޑޯ ބެޑްމިންޓަން ކޯޓެއް އެޅުން
  • ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީކުރުން

ރައީސް ވިދާޅުވީ މި ސަރުކާރުން ވީ ވައުދުތައްވީ އެ ކަމަށް ތައްޔާރުވެގެން ކަމަށެވެ. އެހެންވެ ގިނަ ވައުދުތަކެއް ހުރީ ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ. އިސްދުއިން ފެންނަ މަންޒަރަކީ ވެސް އެއީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ މި ރަށަށްވީ ވައުދުތައް އަޅުގަނޑު ބަލައިލާއިރުގައި މި އޮންނަނީ ނިމިފައި، ނިމިފައި، ނިމިފައި ނިމިފައި ނިމިފައި ނިމިފަިއި، މިހެން ގޮސް އަޅުގަނޑަށް ދިގު ލިސްޓެއް ކިޔިދާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ވައުދުތަކަކީ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދިނުން މަޖުބޫރު ކަންތައްތަކެއްކަމަށެވެ. ނަމަވެސް އެ ކަންކަން ކުރެވޭނީ އެ ކަން ކުރުމުގެ ގާބިލްކަން ހުރި ބަޔަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެސް ރައްޔިތުން ޓެސްޓުކޮށް، ގޮތް އެނގޭއިރު އަލުން އިންތިޚާބުކުރަން ރައްޔިތުން އެކުގައި ނިކުތުމަށް ރައީސް ވަނީ ގޮވައިލައްވައިފައެވެ.

ރައީސް ވަނީ އިދިކޮޅުން ސަރުކާރަށް ކުރަމުން އައި ތުހުމަތުތަކާއި، ކޮވިޑުގެ ހާލަތާ ގުޅުވައި ދެއްކެވި ވާހަކަތަކަށް ވެސް ފާޑުވިދާޅުވެފައެވެ.

އެގޮތުން ދަތި އުނދަގުލުގައި ވެސް ސަރުކާރުން މަސައްކަތްކުރީ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް