މިދިޔަ ވެރިކަމުގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގަތް އޭރުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ރޭ އެނބުރި އަނެއްކާ ވެސް އެ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
އެ ޕާޓީގެ ވެރިކަމުގެ ފަހު އަހަރު ސައުދުالله ޕީޕީއެމުން ވަކިވެފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމުން އުފެދުނު ނުތަނަވަސް ކަމުގެ ތެރޭގައެވެ.
ޕީޕީއެމާ އަލުން ގުޅިވަޑައިގަތުމަށް ފަހު ސައުދުالله ވަނީ އިދިކޮޅުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފް ކުރައްވައި އެއީ އެންމެ ގާބިލް ބޭފުޅާ ކަމަށް ވިދާޅުވެފައެވެ.
"ޝައްކެއް ނުކުރައްވާ ޑރ. މުއިއްޒު މި ރާއްޖެ އާ އުސްމިނަކަށް ގެންދަވާނެ," ސައުދުالله ވިދާޅުވިއެވެ.
މުއިއްޒަކީ މަޑުމައިތިރި މީހުން ދައްކާ ވާހަކަ އަޑުއަހައި އިސްލާހީ ބަދަލުތައް ގެންނަވާ ލީޑަރެއް ކަމަށް ސައުދުالله ވިދާޅުވިއެވެ. އެ ކަން މުއިއްޒުގެ މިނިސްޓަރު ކަމުގައި ސާބިތުކޮށްދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ ކަމަށް ތުހުމަތު ކުރައްވައި ސައުދުالله ވިދާޅުވީ, ދަރަނިތައް ދެއްކުމަށް ފައިސާ ހޯއްދަވާނެ ގޮތުގެ ވިސްނުން މުއިއްޒުގެ ހުންނާނެ ކަމާ މެދު ޔަގީން ކުރައްވާ ކަމަށެވެ.
"ކައިރީގައި ތިއްބަވާނެ އެ ފައިސާ ހޯއްދަވާނެ އައިޑިއާ ދެއްވާނެ ބޭފުޅުން. އެކަން ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ޑރ. މުއިއްޒު," ސައުދުالله ވިދާޅުވިއެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ޕީޕީއެމުން ވަކިވެވަޑައިގަތް މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ސައުދުالله ވިދާޅުވީ, މި ސަރުކާރުން ވެރިކަމަށް އައުމުގެ ގޮތުން ތިނަދުއަށް ކޮށްދޭން ބުނި ބޮޑު އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. އަދި، ތިނަދޫގެ ތަރައްގީ މަޑު ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިނަދުއަށް ބޭނުންވާ ތަރައްގީއާއި ތިނަދޫ ރައްޔިތުންނަށް އުފާވެރިކަމެއް ގެނެވޭނީ ޑރ. މުއިއްޒު އިންތިހާބު ކޮށްގެން ކަމަށް ސައުދުالله ވިދާޅުވިއެވެ.
ސައުދުاللهއާ އެކު ރޭ ވަނީ ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އައި ނައިބު ރައީސް ވެސް ޕީޕީއެމަށް ސޮއިކުރައްވާފައެވެ. އެ ދެ ބޭފުޅުން މީގެ ކުރިން ހަރަކާތްތެރިވެފައިވަނީ އެމްޑީޕީގައެވެ.