ގާނޫނަށް ބަދަލު ގެނެސް ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދޭނަން: މުއިއްޒު

ޑރ. މުއިއްޒު ތިނަދޫގައި --

ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އޭނާގެ ވެރިކަމެއްގައި ދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ތިނަދޫއަށް މިއަދު މުއިއްޒު ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ މީހުން ނުކުމެ ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިރޭ މި ރަށުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ރަށުގެ ތަރައްގީއށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. ޔާމީންގެ ސަރުކާރުން އެއްބިލިއަނަށްވުރެ ބޮޑު އަދަދެއްގެ މަޝްރޫއު ފެއްޓެވިކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ތިނަދޫގައި ވާހަކަ ދައްކަވަނީ --

އޭނާ ވިދާޅުވީ، އިންފްރާސްޓްރަކްޗާގެ ގޮތުން ވެސް ތިނަދޫގައި ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމުކޮށްދީފައިވާ ކަމަށެވެ.

"ގާނޫނުގައި މި އޮންނަ 10000 އާބާދީ. 10000 މީހުން ކޮންމެހެން ހަމަވުމަކީ އެ ތަނުގައި ސިޓީއަކަށް ބޭނުންވގާ ޚިދުމަތްތަކާއި ވަސީލަތްތަކާ އިންފްރާސްޓްރަކްޗާ ގާއިމުވެފައި ހުރެއްޖިއްޔާ ލާޒިމުކަމަކަށް ވާން ނުޖެހޭކަމުގައި އަޅުގަނޑު ގަބޫލުކުރަނީ،" މުއިއްޒު ވިދާޅުވިއެވެ.

"މުހިންމީ ޚިދުމަތް ދެވޭނެ ގޮތް އޮތުން. ތަރައްގީގެ ރާސްތާގައި ކުރިއެރުންތަކެއް ހޯދިފައި އޮތުން. އަދި ކުރިއަށް ދިއުމުގެ ފުރިހަމަ ޕޮޓެންޝަލް އަދި މުސްތަގުބަލް އޮތުން،"

މުއިއްޒު ވިދާޅުވީ އޭނާއަށް ރައްޔިތުން އިތުބާރުކޮށް ފުރުސަތު ދީފިނަމަ، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މި ރަށަކީ ސިޓީއެއްްގެ ގޮތުގައި ކަނޑައަޅައިދެއްވާނެ ކަމަށެވެ. އަދި 8000 މީހުން ހަމަވާނަމަ ސިޓީއަކަށް ބަދަލުވާން ޖެހޭ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ސިޓީއަކަށްވުމުން ދެން އިތުރު ދޮރުތަކެއް ހުޅުވޭ. ވަރަށް ގިނަ ދޮރުތައް ހުޅުވޭ. މި ރަަށަށް، މި ސިޓީއަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އަޅުގަނޑު ތިޔަބޭފުޅުންގެ އަތުގައި ހިފައިގެން، ތިޔަބޭފުޅުން އަޅުގަނޑުގެ އަތުގައި ހިފައިގެން ދާނީ ބާރުމިނުގައި ކުރިއަށް،" މުއިއްޒު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއާއި ޓޫރިޒަމްގެ ދާއިރާއިން އަދި އެހެން ދާއިރާތަކުން ވެސް ތިނަދޫ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ތިޔަބޭފުޅުންނަކީ މި ކަމުގައި އަޅުގަނޑުމެންނާއެކުގައި ދާ ބަޔަކަށް ވުން،" މުއިއްޒު ވިދާޅުވިއެވެ.

"މިއަދު އޮތް މަރުހަބާ ކިޔުމުން އަޅުގަނޑަށް އެ ކަން އިހްސާސްވި. ވަަރަށް ބޮޑަށް އިހްސާސްވި. ވަރަށް ބޮޑަށް ބަދަލު އެބަ އާދޭކަން،"

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި ތިއްބަސް ބިރުގަންނާނެކަމެއް ނެތް ކަމަށެވެ. ވަޒީފާއިން ކަނޑައިލައިފިނަމަ، އޭނާގެ ވެރިކަމެއްގައި ވަޒީފާގެ ޔަގީންކަން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް 13 ދުވަހަކީ ތިޔަބޭފުޅުން ބާރު ސްޕީޑުގައި ކެމްޕޭނުގައި އުޅޭ ދުވަސްތަކަކށް ހަދައިދޭންވީ. ވަޒީފާއިން ކަނޑައިލަފާނެތީ ބިރު ގަންނާނެކަމެއް ނެތް،" މުއިއްޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ޖަނަވަރީ މަހު ތިނަދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ހެދުމުގެ ރަސްމިއްޔާތައް ވަރަށް އަވަހަށް އެރަށަށް ވަޑައިގަންނަވާނެކަމަށެވެ. މި މަހުގެ 30ވަނަ ދުވަހު އެ މަނިކުފާނު މި ރަށަށް ވަަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް