ދިވެހި ޝެފުންގެ ޖަމިއްޔާ، ޝެފްސް ގިލްޑް އާއި އެމެރިކާގެ ޓްރޭޑް އެސޯސިއޭޝަނެއް ކަމަށްވާ ޔޫއެސް މީޓް އެކްސްޕޯޓް ފެޑެރޭޝަން ގުޅިގެން، ކަލިނަރީ ދާއިރާއާ ގުޅުން ހުރި ވޯކްޝޮޕެއް މިއަދު ބާއްވައިފިއެވެ.
ޝެފްސް ގިލްޑްއިން ބުނީ، އެ ވޯކްޝޮޕް ކުރިއަށްގެންދިޔައީ ހެނދުނު 9:00އިން މެންދުރު ފަހު 1:00އަށް، ޗަމްޕާ ސެންޓްރަލްގެ ފުރަތަމަ ފަންގިފިލާގެ ހޯލްގައި ކަމަށެވެ.
އެ ވޯކްޝޮޕްގައި އެމެރިކާގެ މަޝްހޫރު ޝެފް ޖޭ މެކާތީ ބައިވެރިވެ، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެއްވިއެވެ.

ޝެފްސް ގިލްޑްއާއި ޔޫއެސް މީޓް އެކްސްޕޯޓް ފެޑެރޭޝަން ގުޅިގެން ބޭއްވި ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ/ ޝެފްސް ގިލްޑް
މީގެ އިތުރުން މަޝްހޫރު އެހެން ޝެޕުން ކަމަށްވާ، ޔޫއޭއީގެ ޕީޓާ ޑި ކައުވީ އާއި ދެ ދިވެހި ޝެފުން ކަމަށްވާ އިޝާގް ސޯލިހާއި އަހުމަދު ސަމާން ވެސް މައުލޫމާތު ދިނެވެ.
ޝެފްސް ގިލްޑްއިން ބުނީ އެ ވޯކްޝޮޕްގައި ޝެފުންނާއި ސަޕްލަޔަރުން ހިމެނޭ ގޮތަށް ކަލިނަރީ ދާއިރާގެ 60އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
މި ވޯކްޝޮޕްގައި ގެރިމަހާއި ގެރިމަސް ތައްޔާރު ކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ޝެފްސް ގިލްޑްއާއި ޔޫއެސް މީޓް އެކްސްޕޯޓް ފެޑެރޭޝަން ގުޅިގެން ބޭއްވި ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ/ ޝެފްސް ގިލްޑް
"މިއަދުގެ ޓްރެއިނިން ސެޝަން ނިންމާލީ ވަރަށް ކާމިޔާބުކަމާއެކު،" ޝެފްސް ގިލްޑްއިން ބުންޏެވެ.
ޔޫއެސް މީޓް އެކްސްޕޯޓް ފެޑެރޭޝަންއަކީ އެމެރިކާގެ އެއްގަމު މަހުގެ ބާވަތްތައް ބައިނަލްއަގުވާމީ ބާޒާރުގައި ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ ނަން-ޕްރޮފިޓް ޓްރޭޑް އެސޯސިއޭޝަނެކެވެ.
ދިވެހި ޝެފުންގެ މަސައްކަތް ކުރިއެރުވުމަށް އުފެއްދި ޝެފްސް ގިލްޑް ރެޖިސްޓާ ކޮށްފައި ވަނީ 2014ގައެވެ.