ވޯލްޑް ޝެފްސް އޭޝިއާގެ އަހަރީ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ޝެފްސް ގިލްޑް މޯލްޑިވްސްއިން ބުނީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ ކަމަށްވާ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވެކްސް)އިން ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.
މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ބައްދަލުވުން ބާއްވަނީ މޮންގޯލިއާގެ ވެރިރަށް އުލާންބަޓާރުގައެވެ.
އެ އެސޯސިއޭޝަނުން ބުނީ މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރާނީ އެ އެސޯސިއޭޝަނުގެ ރައީސާ މަރްޔަމް ނޫރައްދީން ކަމަށެވެ. އަދި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ވެކްސް ކޮންޓިނެންޓަލް ޖަޖު މަރްޔަމް ޝިއުނާ ވެސް މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރާނެކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން މޮންގޯލިއާ، ކެމްބޯޑިއާ، ޗައިނާ، ހޮންކޮންގް، އިންޑިޔާ، އިންޑޮނޭޝިޔާ، މެލޭޝިޔާ، ނޭޕާލް، ފިލިޕީންސް، ސިންގަޕޫރު، ސައުތުކޮރެޔާ، ސްރީލަންކާ، ޓައިވާން އަދި ތައިލެންޑްގެ އިތުރުން ވިއެޓްނާމް ބައިވެރިވެއެވެ.
އެ ގައުމުތަކުގެ ރައީސުންގެ އިތުރުން، ޝެފުންގެ މައި ޖަމިއްޔާ ވެކްސްގެ ފަރާތުން ވެސް މި ބައްދަލުވުމުގައި ބައިވެރިވާކަން އެއެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވެކްސްގެ ރައީސް ތޯމަސް ގޫގްލާ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ފަސް ދުވަހަށް ކުރިއަށްދާ މި ބައްދަލުވުމުގައި ކޮންމެ ގައުމެއްގެ ވެސް 'ކަންޓްރީ ރިޕޯޓު' ހުށަހެޅުން އޮންނާނެއެވެ. ރާއްޖޭގެ ރިޕޯޓު ހުށަހަޅައިދެއްވާނީ މަރްޔަމްއެވެ.
އެ ބައްދަލުވުމުގައި ތަފާތު މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. އެގޮތުން މަޝްވަރާ ކުރާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި، މިއަހަރު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ޝެފުންގެ އެންމެ ބޮޑު ބައްދަލުވުން "ޝެފްސް ކޮންގްރެސް 2024"އާ ގުޅުންހުރި ކަންތައްތަކާއި، އޭޝިޔާ ބައްރުގެ ގައުމުތަކަށް ކަލިނަރީ ދާއިރާއިން ކުރިމަގުގައި ހުރި ފުރުސަތުތަކާއި، އިޖުތިމާއީ ޒިންމާގެ ތެރެއިން ޝެފުންނަށް ކުރެވެން ހުރި ކަންތައްތަކާއި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ދިވެހި ޝެފުން އިތުރަށް ތަމްރީނުކުރުމާއި، ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކުރުމަށް އިތުރު ގިނަ ފުރުސަތުތައް ހޯދައިދިނުމަށް މި ބައްދަލުވުމުގައި ވަރަށް ބޮޑަށް ވަކާލާތުކޮށް މަސައްކަތްކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު އުފެއްދި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ކުރިއަރުވައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.