އަވައްޓެރި ސްރީ ލަންކާގެ ޝެފުންގެ އޮގަނައިޒޭޝަން، "ޝެފް ގިލްޑްސް އޮފް ލަންކާ"ގެ މުބާރާތެއް ކަމަށްވާ 'ޓީ ކޮކޮނަޓް އެންޑް ސްޕައިސް ފެސްޓިވަލް ކަލިނަރީ ޗެލެންޖު' 2024 ގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު، ޝެފް ގިލްޑްސް އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްހާޤު ސާލިހަށް ލިބިއްޖެއެވެ.
މިކަމާ ގުޅިގެން ޝެފް ގިލްޑްސް އޮފް މޯލްޑިވްސްއިން ބުނީ އިސްހާޤު އެ ޗެލެންޖުގެ ފަނޑިޔާރެއްގެ ގޮތުގައި ވަޑައިގަތީ ލަންކާގެ ޝެފް ގިލްޑްސްގެ ދައުވަތަކަށް ކަމަށެވެ.
ޝެފް އިސްހާޤު ސާލިހަކީ ރޯޔަލް އައިލެންޑު ރިސޯޓުގެ އެގްޒެކެޓިވް ޝެފެވެ. އަދި އޭނާ އަކީ ދުނިޔޭގެ ޝެފުންގެ ޖަމިއްޔާއިން ސެޓިފައި ކޮށްފައިވާ ކޮންޓިނެންޓަލް ޖަޖެއްވެސް މެއެވެ.
އަދި ވޭތުވެ ދިޔަ 2022 ވަނަ އަހަރު ޝެފް ގިލްޑްސް އޮފް މޯލްޑިވްސްއިން އިންތިޒާމުކުރި ފުރަތަމަ ސީޖީއެމް ޝެފްސް އެވޯޑުގައިވެސް އޭނާއަށް ވަނީ އެގްޒެކެޓިވް ޝެފް އެވޯޑާއި، 'ލޯންގް ސާވިސް ސްޕެޝަލް އެވޯޑު ލިބިފައެވެ.
އެ ޖަމިއްޔާއިން ބުނީ މި ހަފުތާ ލަންކާގައި ފަށާ އެ ޗެލެންޖަކީ ލަންކާގެ ކާބޯތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރާ ބައެއް ސަގާފީ ބާވަތްތައް ކަމުގައިވާ ސައިފަތް، ކާށި، އަދި ހަވާދުގެ އެކި ބާވަތްތައް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މުބާރާތެއް ކަމަށެވެ.
އަދި މި މުބާރާތުގެ މަގުސަދަކީ ލަންކާގެ ސަގާފީ ކާބޯތަކެތި ޕްރޮމޯޓު ކުރުމާއި، ކާބޯތަކެތި ތައްޔާރު ކުރުމުގައި ގެއްލިގެންދާ ސަގާފީ އުކުޅުތައް އިޔާދަކުރަން މަސައްކަތް ކުރުން ކަމަށްވެސް ޝެފް ގިލްޑްސުން ވަނީ ބުނެފައެވެ.
މި މުބާރާތުގައި ތަފާތު ހަތަރު ކެޓަގަރީއަކުން 17 ޗެލެންޖެއް ކުރިއަށްދާނެއެވެ. އެ ހަތަރު ކެޓަގަރީއަކީ
- ލައިވް ކުކިން
- ބެވެރޭޖް
- އާޓިސްޓިކް
- ރެސްޓޯރެންޓް އެންޑް ކެފޭ ޝެފްސް
މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ކޮލަމްބޯގެ ބަންޑާރަ ނައިކަ މެމޯރިއަލް އިންޓަނޭޝަންލް ކޮންފަރެންސް ހޯލުގައެވެ.