މާރިޔާ ނަޝީދަށް: މެންބަރުން ޕާޓީ ބަދަލުކުރީ އަލަކަށް ނޫން

ރައީސް ސާލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ދޫކުރައްވާ ވަޑައިގަތުމަށްފަހު އަލުން އެނބުރި ޕާޓީއާ ގުޅިވަޑައިގަތުމަކީ މި ރާއްޖޭގައި "އަލަކަށް ވާކަމެއް ނޫން" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެޕްއިން މެނޭޖަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، މަޖިލިސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ, މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެކަން ބައްލަވާ ދެއްވުމަށް އެދިވަޑައިގެން ފުލުހަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު އެ މައްސަލަ ހުށަހެޅުއްވީ އެމަނިކުފާންގެ އާ ޕާޓީގެ މަޖިލިސް ދެ މެމްބަރަކު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

https://sun.mv/181316

އެކަމަށް އިޝާރާތްކުރައްވާ މާރިޔާ ވިދާޅުވީ، ޚުދު ރައީސް ނަޝީދުގެ ވެރިކަމުގައި ކަންތައްތައް ވީގޮތްތައް ވަރަށް ސާފުކޮށް ބަލާލަންޖެހޭ ކަމަށެވެ. އެގޮތުން އޭރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މައުމޫނުގެ ޕާޓީ، ޑީއާރްޕީގައި ތިއްބެވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުއާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ޕާޓީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެންކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

"އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެންމެ ފުރަތަމަ ލިބުނީ 26 މެންބަރުން. އެހެންނަމަވެސް ސަރުކާރު ނިމިދިޔައިރު 31 މެމްބަރުން އަޅުގަނޑުމެންނާ އެކީ ތިބި." އޭރު މެމްބަރަކަށް ހުންނެވި މާރިޔާ ވިދާޅުވިއެވެ.

ދެން މާރިޔާ އިޝާރާތްކުރެއްވީ މި ފަހުން ޕާޓީ ބަދަލުކުރެއްވި މެންބަރުންގެ ވާހަކައަށެވެ. އެގޮތުން އެމްޑީޕީގައި ހުންނަވާ މިފަހުން ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖް ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

"މެންބަރުން ޕާޓީ ދޫކޮށްފަ ދިޔުމަކީ މިއީ އަލަކަށް ހިނގާ ކަމެއް ނޫން މި ރާއްޖޭގަ. އެއީ އަބަދުވެސް ސިޔާސީ ހަގީގަތް. މޮޅުވާ ދިމާލަށް އެންމެން ވެސް އަންނާނެ." މާރިޔާ ވިދާޅުވިއެވެ.

ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މި ތުހުމަތުކޮށްފައިވަނީ ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އިސްވެ ތިއްބަވާ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން ބައެއް މެންބަރުން ވަކިވެ އަލުން އެމްޑީޕީއާ ގުޅިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި މި ފަހުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން މާރިޔާ ވިދާޅުވީ އެ މެންބަރުންނަށް ވެސް އެ ފެނިވަޑައިގަތީ ސާފު އަޢުލަބިއްޔަތުން މި އިންތިޚާބު ރައީސް ޞާލިޙު ކާމިޔާބުކުރައްވާތަން ކަމަށެވެ.

"މިކަންކަން ފެނި މެންބަރުން އަނބުރާ އައީމަ އެހެން ކަހަލަ ތުހުމަތުތައް ނުކުރައްވާ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީން އިންތިޚާބުވި މެންބަރެއް އަނބުރާ އެމްޑީޕީއަށް ވަޑައިގަތުމަކީ އެ ޕާޓީއާ ދޭތެރޭ އެފަދަ ތުހުމަތެއް ކުރައްވަން ޖެހޭނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށެވެ.

"އެހެންވީމަ ރައީސް ނަޝީދު ވެސް އެ މެންބަރުން އެނބުރި އެ މެންބަރުންގެ ޕާޓީއަށް އައީމާ ތި ވިދާޅުވާ އެއްޗެއް އަޅުގަނޑަކަށް އެހާ ސާފެއް ނޫން." މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް