ރިޔާސީ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އިދާރާއިން ފުލުހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ, މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެކަން ބައްލަވާ ދެއްވުމަށް އެދިވަޑައިގެން ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މި ތުހުމަތުކޮށްފައިވަނީ ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އިސްވެ ތިއްބަވާ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން އެމްޑީޕީއާ ގުޅިފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރޭ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި މި ފަހުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މަޖިލިސް މެންބަރުން ރިޝްވަތު ނަންގަވައި ޕާޓީ ބަދަލުކުރާ ކަމުގެ ވާހަކަތަކީ އަބަދުވެސް ދެކެވޭ އަދި ކުރެވޭ ތުހުމަތެކެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު އޮތް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން ބައެއް މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ އާއި މުދާ ދިނުމަށްފަހު އެމްޑީޕީއަށް ސޮއިކުރި ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ. ނަމަވެސް އެއިން އެއްވެސް ތުހުމަތެއް ސާބިތުވެފައެއް ނުވެއެވެ.
ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރުން ޕާޓީން ވަކިވާން ފެށުމުން އެކަން ހުއްޓުވުމަށް ވަނީ, މެންބަރަކު އިންތިހާބްވާ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ބިލެއް ހުށަހަޅައި ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން, ޕީޕީއެމްއިން ވަކިވި 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.