ރަޝިއާއާ ކުރިމަތިލުމުގައި ހުޅަނގު ނާކާމިޔާބުވެ، ރަޝިއާ ކުރިހޯދަނީ: ހަންގޭރީ

ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީތަރ ސީއާރުތޯ

ބުޑަޕެސްޓް (27 އޮގަސްޓް 2023): ރަޝިއާއާއި ޔުކްރޭންއާ ދެމެދުގައިވާ ދެބަސްވުންތަކާއި ޚިލާފުތައް ހަނގުރާމައަކާ ހިސާބަށް ދިޔައީ ހުޅަނގުގެ ސަބަބުން ކަމަށް ޔޫރަޕްގެ އިއްތިހާދުގެ ގައުމެއްކަމަށްވާ ހަންގޭރީން ބުނެފިއެވެ.

ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީތަރު ސީއާރުތޯ ވިދާޅުވިގޮތުގައި ރަޝިއާއާއި ޔުކްރޭންއާ ދެމެދުގައިވާ ޚިލާފުތައް ހައްލުކުރަން ހުޅަނގުން މަސައްކަތްކުރިނަމަ ހަނގުރާމައަކާ ހަމައަށް ނުގޮސް އެކަން ހައްލުކުރެވުނީހެވެ. ހަނގުރާމަ ފެށުމަށްފަހު ވެސް ހުޅަނގުން ބޭނުންވިނަމަ ހަނގުރާމަ ދިގުނުލަނީސް އަދި ޔުކްރެއިންއަށް ބޮޑެތި ގެއްލުންތަކެއް ނުލިބެނީސް މައްސަލަ ހައްލު ކުރެވުނީސްކަމަށް އޭނާ ވިދާޅުވިއެވެ.

ސީއާރުތޯ ވިދާޅުވިގޮތުގައި ރަޝިއާއަކީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އިނދަޖައްސާލެވޭނެ ގައުމެއްކަމަށް ދެކުމަކީ ހުޅަނގުން ހެދި އެންމެ ބޮޑު ގޯހެވެ. އަދި ސުލްހައިގެ މަގެއް ނުހޯދައި ހަމައެކަނި ޔުކްރެއިންއަށް ހަތިޔާރުދީ ހަނގުރާމަކޮށްގެން ރަޝިއާ ބަލިކުރެވޭނެކަމަށް ބެލުމަކީ ހުޅަނގުން ހެދި އެއަށްވުރެބޮޑު ގޯހެކެވެ.

ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުން އެމެރިކާއަށް ގެއްލުން ނުލިބުނުނަމަވެސް އެފިޔަވަޅުތަކުން ރަޝިއާއަށް ލިބޭ ގެއްލުމަށްވުރެ ޔުކްރެއިން އާއި ޔޫރަޕްގެ ގައުމުތަކަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް މާބޮޑުކަން ސީއާރުތޯ ފާހަގަ ކުރެއްވިއެވެ. އަދި އެތައް ބިލިޔަން ޑޮލަރަކުން ޔުކްރެއިންއަށް އެހީދިނުމަކީ ދިގުމުއްދަތަކަށް ޔޫރަޕަށް ކުރެވޭނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަންގޭރީގެ ޚާރިޖީ ވަޒީރު ސީއާރުތޯ ވިދާޅުވިގޮތުގައި ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި މުޅި ދުނިޔެ ބައިވެރިވާނެކަމަށް ހުޅަނގުގެ ގައުމުތައް ލަފާކުރުމަކީ ހުޅަނގުގެ ލީޑަރުންގެ ވިސްނުން ކޮށިކަމާއި ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ މަސްރަހަށް އައިސްފައިވާ ބަދަލުތައް އެބޭފުޅުންނަށް ނޭނގުނުކަން ދޭހަވި ކަމެކެވެ.

ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް ޚުދު ހުޅަނގުގެ ގައުމުތަކަށްވެސް ހަގީގަތުގައި ތަންފީޒު ނުކުރެވޭކަމަށާއި ތިންވަނަ ފަރާތެއް މެދުވެރިކޮށް ޔޫރަޕްގެ ގައުމުތަކުން ރަޝިއާގެ ތެލާއި ގޭސް ބޮޑުއަގުގައި ގަންނަމުން ދިޔުމަކީ މިހަގީގަތް ހާމަވާކަމެއްކަމަށް ސީއާރުތޯ ވިދާޅުވިއެވެ.

ސީއާރުތޯ އިތުރަށް ވިދާޅުވި ގޮތުގައި ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕަށް ރަޝިއާގެ ބާޒާރު ގެއްލި ޔޫރަޕަށް ރަޝިއާގެ ތެލާއި ގޭސް ކުރިން ލިބުނުގޮތަށް ހެޔޮއަގުގައި ނުލިބުމުގެ ނަތީޖާއަކީ ޔޫރަޕްގައި އިންފްލޭޝަން ބޮޑުވެ ތަކެތީގެ އަގުތައް ބޮޑުވުމެވެ. މިއާއެކު ޔޫރަޕްގެ އާންމު ރައްޔިތުންގެ އަތްމަތި ދަތިވުމެވެ.

އެހެންކަމުން ރަޝިއާއާ ދެކޮޅަށްއެޅި ފިޔަވަޅުތަކުން ޔޫރަޕަށް ލިބުނީ ފައިދާގެ ބަދަލުގައި ހުސް ގެއްލުމެވެ. ދުނިޔޭގެ އެހެންގައުމުތައް އެފިޔަވަޅުތަކަށް ތަބާނުވުމުންނާއި ރަޝިއާގެ އިގްތިސާދު ހަމައަކަށް އެޅި ރަޝިއާ އަސްކަރީގޮތުންވެސް ވަރަށް މޮޅަށް ކުޅެ ޔުކްރެއިންގެ މައްޗަށް ކާމިޔާބު ހޯދަމުން އަންނަ މަންޒަރު ފެންނަން ފަށާފައިވާކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް ވަގުތީ ގެއްލުންތަކެއް ލިބުނުނަމަވެސް ޔޫރަޕަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯސެފް ބޮރެލްވެސްވަނި ތަންކޮޅެއް ކުރިން ވިދާޅުވެފައެވެ.

އިންޓަނޭޝަނަލް މަނިޓަރި ފަންޑު (އައިއެމްއެފް) ލަފާކޮށްފައިވާގޮތުން ހުޅަނގުގެ 70 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ރަޝިއާގެ އިގްތިސާދު މިއަހަރު ތެރޭގައި 0.7 އިންސައްތައާއި އެއް އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެއެވެ. އަދި 2024 ގައި ރަޝިއާގެ އިގްތިސާދު 1.3 ޕަސެންޓާއި ދެ އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށްވެސް "އައިއެމްއެފް" އިންވަނީ ލަފާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް