އާންމު މެންބަރުންގެ އާދޭސް: ''ބޮއިކޮޓް ނުކުރޭ، ފަސް އަހަރު ކުރި މަސައްކަތް ވާނީ ބޭކާރު،''

ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ސެނެޓުން ގޮތެއް ނިންމި އިރު، ޕީޕީއެމް އޮފީހުގެ ބޭރުގައި --- ސަން ފޮޓޯ

"މި ފަސް އަހަރު ކުރި މަސައްކަތް މި ބޭކާރު ވަނީ. ޕާޓީ ދެން ވާނީ މަގުމަތި،"

އިއްޔެ މެންދުރު އިދިކޮޅު ކޯލިޝަންގެ ސެނެޓުގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި އާއްމު މެންބަރެއްގެ އުދާސްތައް ބަންޑުންކޮށްލިއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެންސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމިއެވެ. އެއީ ހަގީގަތުގައި އިދިކޮޅުގެ އާއްމު މެންބަރުން ހައިރާންވި ކަމެއް ނޫނެވެ.

އެ ކަން އެ ގޮތަށް ވާނޭކަން މާ ކުރިން ވެސް އެ މީހުން ތިބީ ޔަގީންކޮށް ނިންމައިގެންނެވެ. ބޭރު ފުށުން، ރައީސް ޔާމީނަށް އުންމީދު އޮތޭ ކިޔަކިޔައި ތިބި ނަމަވެސް، ހަގީގަތަކީ އެއީ ނޫންކަން އޭރު ވެސް ގަބޫލުކުރެއެވެ.

އެކަމަކު، ހުކުމަށްފަހު އެންމެން ސިއްސުވާލީ ރައީސް ޔާމީންގެ ފަރާތުން އައި އޯޑަރުންނެވެ. އެ މަނިކުފާނު ވިދާޅުވީ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

އެ ނޯޓު ވީ ޕީޕީއެމްގެ އާއްމު މެންބަރުންނަށް ލިބުނު ކުއްލި ސިހުމަކަށެވެ. އިންތިހާބު ބޮއިކޮޓްކޮށް ވާދަނުކުރަން ރައީސް ޔާމީން ޚިޔާލުކުރައްވާނެކަމަށް އެ މީހުން ތިބީ ވިސްނައިގެންނެއް ނޫނެވެ.

ޔާމީންގެ އެ މެސެޖާއެކު އިދިކޮޅު ކޯލިޝަންގެ ސެނެޓު ބައްދަލުވުމެއް އިއްޔެ 1:30ގައި ބޭއްވިއެވެ. އެ ވަގުތު ސެނެޓުގެ ބައްދަލުވުން ހޫނުވެ، ޕާޓީ އޮފީސް ތެރޭގައި ތިބި އާއްމު މެންބަރުން ނެރޭ ހިސާބަށް ކަންތައް ދިޔައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ސެނެޓުން ގޮތެއް ނިންމި އިރު، ޕީޕީއެމް އޮފީހުގެ ބޭރުގައި, ހަމަ ނުޖެހުން ހިންގާތީ ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ

އާއްމު ގިނަ މެންބަރުންތަކެއް ނެރެން މަސައްކަތް ކުރުމުން، ދޮރު ކުރިމަތީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. ފުލުހުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، އެ ކަން މައިތިރިކުރެވޭ ގޮތެއް ނުވިއެވެ.

"މުޒާހަރާ ކުރަންވީމަ އަހަރެމެން ފެނޭ، މިހާރު މުހިންމު ކަންކަން ޖެހުނީމަ ބޭނުމެއް ނުވޭ،" އެ ތަނުން ނުކުތް އާންމު މެންބަރަކު ބުންޏެވެ.

އެ ވަގުތު އެ ސަރަހައްދުގައި ތިބި އިދިކޮޅުގެ އާއްމު މެންބަރުންގެ ކިބައިން ފެނުނީ ނުތަނަވަސްކަމެވެ. ބައެއް ޚިޔާލުތަފާތުވުންތައް ވެސް ފެނުނެވެ.

ރައީސް ޔާމީނާ ދެކޮޅަށް ވެސް ޕީޕީއެމްގެ އޮފީސް ކުރިމަތީ ތިބެ ބައެއް އާއްމު މެންބަރުން ވާހަކަ ދެއްކިއެވެ. އެ މީހުންގެ މައިގަނޑު ވާހަކައަކީ ޔާމީނަށްވުރެ ގައުމު މުހިންމުވާނެ ކަމެވެ. ޔާމީނަށް ވެސް ފައިދާހުރި ގޮތަކީ އިންތިހާބު ބޮއިކޮޓް ނުކޮށް ކުރިމަތިލުން ކަމެވެ.

"ރައީސްއަށް ރަނގަޅަކަށް ދައްކާ ވާހަކައެއް މިއީ. ރައީސަށް ކިތަންމެ ތާއީދު ކުރިޔަސް މިއަދު ރައީސް އެ ނިންމި ނިންމުމާ ދެކޮޅު. އެއީ ވަރަށް ޖަޒުބާތީ އަމިއްލަ އެދުމުގެ ނިންމުމެއް،" އާއްމު މެންބަރަކު ބުންޏެވެ.

ޕީޕީއެމްގެ މެންބަރުންނާއި ކައުންސިލްތަކުގެ މެންބަރުން ސޯޝަލް މީޑިއާގައި ވެސް މި ކަމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިހާބު ބޮއިކޮޓްކުރުމަކީ އިދިކޮޅު "މަގުމަތިކުރުން" ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެެ.

ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

"ރައީސް ޔާމީނަށް ދެރައެއް ދޭކަށް ނޫން. ރައީސް ޔާމީނަށް މޮޅު ގޮތަކީ ވެސް، ރަނގަޅެއް އޮތީ ވެސް ޕީޕީއެމް/ ޕީއެންސީ ކެނޑިޑޭޓަކު ނުނިކުތުން،" އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ބޮއިކޮޓްކޮށް، ޕީޕީއެމްގެ ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހިިމް މުހައްމަދު ޞާލިހު އިންތިޚާބު ކާމިޔާބުކުރާ މަންޒަރު ބަލަން ތިބެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ރަށެއްގެ ޕީޕީއެމް ކައުންސިލަރަކު ވިދާޅުވި ގޮތުގައި އިންތިހާބު ބޮއިކޮޓްކުރަން ނިންމުމަކީ މިދިޔަ ފަސް އަހަރު ކުރި މަަސައްކަތް ބޭކާރުވާނެ ކަމެކެވެ. މި އިންތިހާބުގައި ވާދަނުކޮށްފިނަމަ ޕީޕީއެމްގެ "ދުވަސް ދިޔައީ" އެވެ.

"އަޅުގަނޑުގެ އާދޭހަކީ މިދިޔަ ފަސް އަހަރު މި ލިބުނު އަނިޔާ ކުރިއަށް އޮތް ފަސް އަހަރު ވެސް ލިބެން ނޭދޭނަމަ އިންތިހާބު ބޮއިކޮޓް ކޮށްގެން ނުވާނޭ،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުން އަބަދު ގުޅާ، އެދެނީ ޕާޓީ މަގުމަތި ނުކުރުމަށް!

ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅަކު ރޭ އެ އޮފީހުން ނުކުމެވަޑައިގެންނެވި ވަގުތު އާއްމު މެންބަރަކު އައިސް ކޮށްލީ ސުވާލެކެވެ.

"ކިހިނެއްތޯ ނިންމަނީ؟ ބޮއިކޮޓް ކުރަނީތޯ؟ އިންތިހާބުގައި ވާދަނުކުރޭތޯ؟،" އޭނާ އެހިއެވެ.

ލީޑާޝިޕްގެ ބޭފުޅާގެ އޮތީ އެންމެ ޖަވާބެކެވެ.

"ޕާޓީ މަގުމަތިވިޔަކަ ނުދޭނަން،" އެހެން ވިދާޅުވެ އިތުރަށް ވާހަކަ ދެއްކުމެއް ނެތި އޭނާ ވަޑައިގެންނެވީއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައިވާ، ޑރ. މުހައްމަދު މުއިއްޒު ޕާޓީގެ އޮފީހުން ނުކުމެވަޑައިގަތް ގަޑީ، އޭނާ ވަށާލި އާންމު މެންބަރުންގެ އާދޭހަކީ ވެސް އެއީއެވެ.

"މުއިއްޒަކަސް، ރައީސް ޔާމީނަކަސް އަދި ކޮންމެ މީހަކަށް ވިޔަސް ހެޔޮ، މީހެއް ނޫނޭ އަހަރެމެން ބޭނުމީ. އަހަރެމެން ބޭނުމީ އަހަރެމެންގެ ގައުމޭ،" މުއިއްޒު އަރިހުގައި ވެރިކަމަށް ކުރިމަތިލެއްވުމަށް އެދި އާދޭސްކުރި އާންމު މެންބަރަކު އަސަރާއެކު ބުންޏެވެ.

މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު، ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް، އެ ޕާޓީއަށް ސޮއި ކުރެއްވުން -- ފޮޓޯ/ ޕީއެންސީ

އިދިކޮޅު ލީޑާޝިޕްގެ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރޭ ވިދާޅުވީ އިއްޔެގެ ހެނދުނުން ފަށައިގެން ފޯނަށް އެތައް ކޯލެއް އަންނަ ކަމަށެވެ. އިއްޔެ ހެނދުނު ގެއިން ނުކުތް ގޮތަށް، ރޭގަނޑު ބާރަ ޖަހައި ބޮޑުވި އިރު ވެސް ގެއަށް ނުވަދެވޭ ކަމަށެވެ.

"ރަށްރަށުން ވެސް ގުޅަނީ. އާއްމު މެންބަރުން ވެސް ގުޅަނީ. ބޭރަށް ނުކުމެލިޔަސް ސުވާލުތަކާ ކުރިމަތިލާން ޖެހެނީ. އެ މީހުންގެ އާދޭހަކީ ޕާޓީ މަގުމަތި ނުކުރާށޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ދެއްވާ ޔަގީންކަމަކީ ވެސް ޕާޓީ މަގުމަތި ނުވާނޭ ކަމެވެ. އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރައްވާނެ ކަމެވެ.

"ރައީސް ވެސް މި ވަގުތު ޖަޒުބާތުގައި ނިންމެވި ނިންމެވުމެއް އެއީ،" އޭނާ ވިދާޅުވިއެވެ.

އެކަމަކު އެއް ކަމެއް އިއްޔެ ރައްޔިތުންނަށް ހާމަވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އިދިކޮޅުގެ އެތެރޭގައި ރޯވެ ރޯވެ ހުރި އަލިފާންގަނޑު ބޮޑުވެ ފަޅައިގެން ދިޔައީއެވެ. އެތެރޭގެ ބައިބައިވުންތައް ފަޅާއެރީއެވެ.

ރައީސް ޔާމީނަށް ކުރިމަތި ނުލެއްވުނަސް، މިހާރު އިދިކޮޅުގެ އާންމު މެންބަރުން ބޭނުންވަނީ ކުރިއަށް ދާށެވެ. ގިނަ މެންބަރުން ބޭނުންވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒާއެކު ކުރިއަށް ދާށެވެ.

ރައީސް ޔާމީނަށް "މަރުދިނަސް" އިއްޔެ އެ މަނިކުފާނު ނިންމި ނިންމުމަކީ ޚުދުމުހުތާރު ނިންމުމެއްކަމަށް އިދިކޮޅުގެ ގިނަ ބަޔަކު ގަބޫލުކުރެެއެވެ. އެ މީހުން ބުނަނީ ޔާމީނަށްވުރެ ގައުމު މުހިންމު ކަމަށެވެ. ފަސް އަހަރު މެދުނުކެނޑު މަގުމަތީ ކުރި މަސައްކަތް ބޭކާރުވާން ބޭނުންނުވާ ކަމަށެވެ.

comment ކޮމެންޓް