މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންނުކުރަން އިލްތިމާސްކޮށްފި

މިއަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގަތްއިރު ފެހި ކުލައިގެ ޓީޝާޓެއް ލައިގެން ތިބި ބަޔަކު --- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާ ކަމަށް ބުނެ، އެ ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވިއިރު އޭނާއަށް މަރުހަބާ ދެންނެވުމަށް ނިކުތް ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ތެރޭގައި ފެހި ކުލައިގެ ޓީޝާޓުތަކެއް ލައިގެން ވަނީ ބަޔަކު ހަރަކާތްތެރިވެފައެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މުއިއްޒުގެ ކެމްޕޭނުގައި އެ ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެކަމަކީ އިންތިޚާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެއްކަމަށް ވާތީ އެކަން ހުއްޓުވުމަށް ނަޒީރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފައެވެ.

އަދާލަތު ޕާޓީން ސިޔާސީ ހަޔާތް ފެއްޓެވި މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަތްއިރު އެ ޕާޓީ ރަމްޒުވާ ގޮތަށް ހެދުން އަޅައިގެން ތިބީ މީގެ ކުރިން އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު ބައެއް މެންބަރުންނެވެ.

comment ކޮމެންޓް