ރައްޔިތުންގެ މަޖިލީހުގައި ދަ ޑިމޮކްރެޓްސް ތަމްސީލް ކުރައްވާ ހުރިހާ މެންބަރުން، ޕާޓީ ބަދަލު ކުރި ކަމުގެ ސިޓީ މަޖިލީހަށް ހުށަހަޅައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ އިންތިހާބީ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައިވާ 15 މެންބަރުން ވެސް ޕާޓީ ބަދަލު ކުރިކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގާފައި ވާނެ ކަމަށެވެ.
މަޖިލީހުގެ ދަފުތަރަށް އައި ބަދަލާ އެކު ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އެ ޕާޓީއަށް ސޮއި ކުރި ކަމުގެ ލިޔުން މަޖިލީހަށް ލިބިފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތްތައް އޮތީ މަޑު ޖެހިފައެވެ.
އެކަމަށް އިޝާރާތް ކުރައްވައި އިމްތިޔާޒް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެ ޕާޓީ ހުރަހަކަށް ނުވާނެ ކަމަށާއި، ޕާޓީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްބާރުލުން މިކަމުގައި ދޭނަން. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެން އެއްވެސް ހުރަހަކަށް ނުވާނަން." އިމްތިޔާޒް ވިދާޅުވިއެވެ.
އަދި، މީގެ ކުރިން ވެސް ވިދާޅުވަމުން އައި ވިދާޅުވުން ތަކުރާރު ކުރައްވައި އިމްތިޔާޒް ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަނީ ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މެންބަރުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ދެ ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވާ ނުލެވި، އެ ހުރިހާ މައްސަލަތަކެއް މިހާރު ވަނީ މަޑު ޖެހިފައެވެ.
ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ސޮއި ކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެންދިޔުމަށް ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފައެވެ.
މިހާރު މަޖިލީހުގެ ދަފުތަރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، އެމްޑީޕީގައި 56 މެންބަރުން، ޑިމޮކްރެޓްސްގައި 14 މެންބަރުން، ޕީޕީއެމްގައި ފަސް މެންބަރުން، ޕީއެންސީ އަދި އެމްއެންޕީގައި ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގައި ދެ މެންބަރުން ތިބި އިރު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރަކު ހިމެނެއެވެ.