މަޖިލީހުގެ ފަހު ދައުރު: ކޮމިޓީތަކުގެ މަސައްކަތް ސުމަކުން ފަށަން ޖެހިފައި

ކޮމިޓީތަކުގެ މަސައްކަތް ސުމަކުން ފަށަން ޖެހިފައި

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ހުރިހާ ގޮތަކުން ވެސް ތަފާތެވެ. ސުޕާ މެޖޯރިޓީ އޮތް ވެރިކަން ކުރާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް އެ ޕާޓީން ވަކިވެ، މަޖިލީހުގެ ދަފުތަރަށް އައި ބަދަލާ އެކު ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މައްސަލަ ކޮޅެއްގައި ޖެއްސޭތޯ ހުރިހާ ޕާޓީތަކަކުން ވެސް މަސައްކަތް ކުރަމުން ދިޔައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ދެ ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވާ ނުލެވި ޗޭމްބަރުގައި އެޅުނު "ޑެޑްލޮކް" ފިލުވުން ބުރައަކަށް ވި ފަދައެވެ. ކުރުކޮށް ދަންނަވާ ކަމުގައި ވަނީ ނަމަ، ތުހުމަތުގެ އިނގިލި އެކަކު އަނެކަކަށް ދިއްކުރަމުން ގޮސް ކޮމިޓީތަކުގެ މައްސަލަ ކޮޅެއްގައި ޖެހުނީ ދައުރުން ބޭރުންނެވެ.

މަޖިލީހުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތާވަލު ކޮށްފައިވާއިރު، އެޖެންޑާގައި އޮތީ ނުނިމުނު ދާއިމީ ކޮމިޓީތަކުގެ މައްސަލައެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގެ ތެރެއިން / ފޮޓޯ: މަޖިލިސް

ކޮމިޓީތަކުގެ މައްސަލަ އޮތް ހިސާބު

އެމްޑީޕީގައި ތިބި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީން ވަކިވުމާ އެކު އެ މެންބަރުން ތިއްބެވީ މިނިވަން މެންބަރުންގެ ގޮތުގައެވެ.

މަޖިލީހުގެ ދައުރު ހަމަވި އިރު ވެސް ޖަލްސާތައް ގަވާއިދުން ނުބޭއްވި، މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމާ އެކު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އެދެމުން ދިޔައީ ދައުރު ދަންމާލުމަށެވެ. ނަމަވެސް ރިޔާސަތުން އެ ކަމަށް ޖަވާބެއް ނުދީ ދައުރު ނިންމާލުމާ އެކު އެމްޑީޕީން އެދުނީ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައި ކޮމިޓީތަކުގެ މައްސަލަ ނިންމާށެވެ.

އެއަށް ފަހު އެމްޑީޕީގެ ހުށަހެޅުމާ އެއްގޮތަށް، ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި ކޮމިޓީތައް އެކުލަވާލަން ފާސްކުރީ އެމްޑީޕީއަށް 62 ޕަސެންޓު ލިބޭ ގޮތަށެވެ. މިއީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް، މަޖިލީހުގައި ސިޔާސީ ޕާޓީތައް ނިސްބަތްވެފައިވާ ގޮތް ހަމައެއް ކަމުގައި ބެލުމުން އެ ޕާޓީއަށް ލިބޭ އިންސައްތައެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގެ ތެރެއިން / ފޮޓޯ: މަޖިލިސް

ސުމަކުން ފަށަން ޖެހިފައި

އެ ގާތްގަނޑަކަށް ދެ މަސް ދުވަހު ކުރި މަސައްކަތައް ފަހު ކޮމިޓީތައް އެކުލަވައިލި ނަމަވެސް، މި ފަށާ ފަހު ދައުރުގައި އެ ހުރިހާ މަސައްކަތެއް އަލުން ބަލުން ވަނީ ފަށަން ޖެހިފައެވެ.

މަޖިލީހުގައި އޭރު މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެންބަރުން މިހާރު ވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެވެ. އަދި އެއަށް ފަހު، އެ މެންބަރުންގެ ތެރޭގައި ހުންނެވި ކުޅުދުއްފުށީ އުތުރު ޔާސިރު އަބްދުލަތީފް ދާދި ފަހުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މިހާރު މަޖިލީހުގެ ދަފުތަރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، އެމްޑީޕީގައި 56 މެންބަރުން، ޑިމޮކްރެޓްސްގައި 14 މެންބަރުން، ޕީޕީއެމްގައި ފަސް މެންބަރުން، ޕީއެންސީ އަދި އެމްއެންޕީގައި ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގައި ދެ މެންބަރުން ތިބި އިރު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރަކު ހިމެނެއެވެ.

އެހެންވެ، ދެ މަސް ދުވަހެއްހާ ދުވަހު ކުރި މަސައްކަތުން އެކުލަވައިލި ދާއިމީ ކޮމިޓީތަކުގެ މަސައްކަތް އަނެއްކާ ވެސް ޖެހޭނީ ސުމަކުން ފަށާށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިމުނު އިރު ނިންމާލެވިފައި ވަނީ ހަމައެކަނި 38.9 އިންސައްތަ މަސައްކަތެވެ. އޭގެ ކުރީ ދައުރުން 20 ބިލެެއް ލިބިފައި އޮތްއިރު ދެވަނަ ދައުރުގައި އަލަށް 11 ބިލެއް ހުށަހެޅުނެވެ. ޖުމުލަ 31 ބިލުގެ ތެރެއިން ނިމިފައިވަނީ ހަމައެކަނި ދެ ބިލުގެ މަސައްކަތެވެ.

comment ކޮމެންޓް