ޝަރުތު ހަމަވާ ނަމަ ސްޓޫޑެންޓް ލޯން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި

މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ސަރުކާރުން ސްޓޫޑެންޓް ލޯން ދޭން ނިންމި އެންމެންނަށް ވެސް، ޝަރުތު ހަމަވާ ނަމަ ސްޓޫޑެންޓް ލޯން ލިބޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން މިއަދު ދެއްވައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ކުއަލިފިކޭޝަން ރިކޮގްނިޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ސްޓޫޑެންޓް ލޯން ނުދޭ ކަމަށް ބުނެ މިދުވަސްވަރު ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން، ސަރުކާރުން ލޯން ދޭން ނިންމި ހުރިހާ ދަރިވަރުންނަށް ލޯން އެލޮކޭޓު ކުރުމަށް ބަޖެޓު ނެތް ކަމަށާއި، އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ސަރުކާރާ ދެކޮޅު ފަރާތްތަކުން މި ދުވަސްވަރު އަންނަނީ ވާހަކަ ދައްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯން ދެނީ ވަކި އުސޫލެއްގެ ތެރެއިންކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ ދަރިވަރުންނަށް އެކަން މިނިސްޓްރީން އެންގީ އީ މެއިލް މެދުވެރިކޮށް ކަމަށާއި، ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއްގެ ތަފްސީލްވެސް އެ އީމެއިލްގައި ހިމެނޭނެ ކަމަށެވެ.

މިނިސްޓްރީން އެދޭ ގޮތަށް ވަރަށް ގިނަ ކުދިން ދުރާލާ އެ މައުލޫމާތު ހޯދައި ފޮނުވި ނަމަވެސް، ބައެއް ދަރިވަރުން އީމެއިލް ބެލުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން މިނިސްޓްރީއަށް ބައެއް އިދާރީ ދަތިތަކާ ކުރިމަތި ލާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގޮތަށް ޝަރުތު ފުރިހަމަ ވާ ހުރިހާ އެންމެންނަށް ލޯން ލިބޭނެ. އެއްވެސް ހާލެއްގައި ވަކި ހިސާބަކުން އެ ލޯން ކެންސަލެއް ނުވާނެ. އަޅުގަނޑަށް އެއްގޮތަކަށް ވެސް ނުވިސްނޭ އެ ވާހަކަ އެގޮތަށް ދައްކަން ޖެހޭ ސަބަބެއް. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވައުދުތަކަކީ ސަރުކާރުން އިޙްތިރާމް ކުރާ ވައުދުތަކެއް ކަމަށާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ އުސޫލުގެ ތެރެއިން އެކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 1275 ދަރިވަރަކަށް މި އަހަރު ވަނީ ލޯން ދޭން ނިންމާފައެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ސްޓޫޑެންޓް ލޯންގެ ގޮތުގައި ހުޅުވާލީ 20 ފުރުސަތެވެ.

މި ފުރުސަތުތަކަށް 1500 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާއިރު، ސަރުކާރުން ވަނީ އޭގެތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ލޯން ދޫކުރުމަށް ނިންމާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މިހާތަނަށް މަތީ ތައުލީމު ހޯދުމަށް ޓަކައި ޖުމުލަ 3،261 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް