އެމްޑީޕީ "ރޫޅާނާލެ" ކަމަށް ބުނި ނަމަވެސް، އެންމެ ސާފުކޮށް ފެންނަ މަންޒަރަކީ އެ ޕާޓީއަކީ ފަސޭހައިން ރޫޅާލެވޭނެ ޕާޓީއެއް ނޫންކަން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީގައި ނަޝީދު ހިންގެވި "ފިކުރެއްގެ ދިރުން" ގޮތްޕަށް އޭރު ތާއީދު ކުރެއްވި މެންބަރުން އިސްނަންގަވައިގެން އުފެއްދި ޕާޓީ، ދަ ޑިމޮކްރެޓްސްއަށް އެ މަނިކުފާނު ސޮއިކުރެއްވި ރޭ، އެ މަނިކުފާނު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީއަކީ އެކެއްގެ ފަހަތުން ދުވާ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީ އުފެދިގެން އައީ ވެސް އެގޮތަށް ނޫން ކަމަށެވެ.
"އެމްޑީޕީ އުފެދިގެން އައީ އެންމެ މީހަކު ނުކުމެ އޭނާއަށް އެންމެން ތާއީދު ކުރާނެ ޕާޓީއެއްގެ ގޮތުގައެއް ނޫން. އެމްޑީޕީ އުފެދިގެން އައީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ތަމްސީލުވާ ގޮތަށް ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ ބުރަ މަސައްކަތާ ބައިވެރިވުމާ އެކު," އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން އެންމެ މީހަކު ނުކުމެ ރޫޅާލަން ގޮވާލާނެ ކަމަށް ބުނި ނަމަވެސް މި ޕާޓީ ރޫޅާލެވޭނެ ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ބަޔަކަށް ހީވި މި ޕާޓީ ހަމަ ހަގީގަތުގައި ވެސް ރޫޅި ދަނީއޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ ފެނޭ އެމްޑީޕީއަކީ އެހާ ފަސޭހައިން ރޫޅޭނެ ޕަޓީއެއް ނޫންކަން," އަސްލަމް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ފެންނަ މަންޒަރަކީ މި ޕާޓީ އިތުރަށް ވަރުގަދަވެގެންދާ މަންޒަރުކަން ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން އަސްލަމް ވިދާޅުވީ އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ވެސް އެ ޕާޓީތައް ދޫކޮށް އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ އެ ޕާޓީއާ ގުޅިވަޑައިގަންނަވާ މަންޒަރު ފެނިގެންދާ ކަމަށެވެ.
އަސްލަމް މިހެން ވިދާޅުވެފައިވާއިރު، މިރޭ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި. މި ފަހުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އޭގެ އިތުރުން ވެސް މިރޭގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ވަނީ އަލަށް އެމްޑީޕީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ފޯމް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ހަވާލު ކުރައްވާފައެވެ.