ފައްޔާޒު ވިދާޅުވަނީ މި ގައުމު ނުދަރާ ކަމަށް, އަދި ނުވެސް ދަރާނެ ކަމަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމިގައި މި ގައުމު ދަރާފައިވާ ކަމަށް ވާދަވެރިން ބުނަމުން އަންނާތީ, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ އެކަމަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީން ވެރިކަމާ ހަވާލުވުމާއެކު ވާދަވެރިން ދެއްކި ވާހަކަ އަކީ މި ގައުމު ދަރައި ބަގުރޫޓްވުމާ ގާތަށް އަންނަ ވާހަކަ ކަމަށާއި ނަމަވެސް މި ފަސް އަހަރު ނިމުނު އިރު ވެސް ގައުމު ނުދަރާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ކޮންމެ މަހަކު ވެސް ސަރުކާރު އޮންނަނީ ބަގުރޫޓްވެ ދަރާފައި ކަމަށް ވާދެވެރިން ބުނަމުން ދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު މި ކިޔަނީ 2026 ގަ އަނެއްކާ ދަރާ ވާހަކަ. އާދެ. ނުދަރާ އަޅުގަނޑުމެނެއް އަދިވެސް. ކޮވިޑް ވެސް އައިސްސަ ދިޔައީ އަޅުގަނޑުމެނެއް ނުދަރާ އަދި ކުރިއަށްވުރެ މާ ވަރުގަދަ އިގްތިޞާދަކަށް މިހާރު މި އިގްތިޞާދު މި އޮތީ ބަދަލުވެފަ," އެމްޑީޕީގެ އިގްތިޞާދީ މެނިފެސްޓީ އިއުލާނު ކުރުމަށް ސޯސަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވިއެވެ.

ގައުމު ދަރާ ވާހަކަ ދައްކާއިރު, ދަރަނިވެރިވިޔަ ނުދީ ހިފެހެއްޓުމަށް އެ ބޭފުޅުން ގެންގުޅޭނެ ސިޔާސަތުތަކެއް ވާދަވެރިންނަށް ބުނެނުދެވޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ފުރަތަމަ ކަމަކަށް ނުދަރާނެ އޭ. ނުދަރާ މި ގައުމު ކުރިިއަށް ބާރަށް ގެންދެވޭނީ ވެސް ރައީސް ޞާލިހާ އެއްކޮށް އަޅުގަނޑުމެންގެ ކޯލިޝަނާ އެއްކޮށް," އެމްޑީޕީގެ ޗެއާޕާސަންކަން އަދާކުރައްވަމުންދާ ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯ މިރޭ އެއްކޮށް އިއުލާނުކޮށް ނިންމާފައިވާކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ, އެ މެނިފެސްޓޯގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެ ސިޔާސަތުތައް ހިމަނާފައިވާނެ ކަމަށެވެ. އެ ސިޔާސަތުތަކީ ގްރޫޕެއް އެއްކޮށް ރިސޯޓެއްގައި ތިބެ ހުށަހެޅި އެއްޗެއް ނޫންކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ވާދަވެރިންނަށް ރައްދު ދެއްވާފައެވެ.

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ ވަރަށް ގިނަ ދިރާސާތަކެއް ހެދުމަށްފަހު ވޭތުވެދިޔަ ފަސް އަހަރު ވެރިކަމުގައި ތިބެ ކުރި ތަޖުރިބާގެ އަލީގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ވޭތުވެދިޔަ ފަސް އަހަރުގައި މައިގަނޑޮ ގޮތެއްގައި އަޅުގަނޑުމެނަށް ކުރަން ޖެހުނު ކަމަކީ އެތައް ބަޔަކު އެތައް ޒަމާނަކަށް ހާވާފައިހުރި ހަޑި ސާފުކޮށް މި ގައުމު އެކާވީސް ވަނަ ގަރުނާ ހަމައަށް ގެންނަން ޖެހުނު މަސައްކަތްތަކެއް," ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ނޫން އެހެން ބަޔަކު މި ރާއްޖޭގެ ވެރިކަމާ ހަވާލުވެއްޖެ ނަމަ ގައުމު އޮޔާދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި ރާއްޖެ ގެންދަން ޖެހޭ ތަނަށް ދެންވެސް ގެންދެވޭނެ އިލްމާއި ހިލްމު އަދި ގާބިލް ބޭފުޅުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ފަހަތުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް