މިއީ އެންމެ ބޮޑު ތަފާތަކުން އެއްބުރުން ނިމޭނެ އިންތިޚާބު: ރައީސް

ރައީސް ރ. މީދުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ބޮޑު ތަފާތަކުން އެއްބުރުން ނިމޭނެ އިންތިޚާބަށް ވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރ. މީދުއަށް ވަޑައިގެން މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ވަޑައިގެންނެވުނު ހުރިހާ ރަށަކުން ވެސް ފެނިވަޑައިގަތީ އުންމީދީ މަންޒަރެއް ކަމަށެވެ. 'އުފާވެެރި އަމާން ރާއްޖެ'އެއް އެދި ރައްޔިތުން ތިބީ އެއް ރޫހެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި އިންތިޚާބު ވެގެންދާނެ އެންމެ ބޮޑު ތަފާތަކުން، އެންމެ ބޮޑު ތަފާތަކުން އެއްބުރުން ނިމިގެންދާނެ އިންތިޚާބަކަށް. ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން ކުރި މަސަައްކަތް ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ހާސިލްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހެޔޮ ވެރިކަމަކަށް އެންމެ މުހިންމު އެއް ކަމަކީ އިންސާފު ގާއިމްވެފައި އޮތުން ކަމަށެވެ. އެމްޑީޕީ ވުޖޫދުވީ ވެސް އިންސާފު ގާއިމްކޮށްދިނުމުގެ ފުރުސަތު ހޯދައިދީ، އަނިޔާވެރިކަން ބަދަލުކުރުމަށް ކަމަށްވާއިރު އެއީ އެމްޑީޕީގެ ވެރިކަމެއްގައި އެންމެ މުހިންމު ކަމެއް ދޭނެ ސިިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގޮތުން ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން ސިޔާސަތުތައް ބައްޓަން ވެގެންދާނީ މިނިވަންކަމާ އެކުގައި އިންސާފުުގެ ދާއިރާ ބައްޓަންކޮށްފައި އޮވެގެން،" ރައީސް ވިދާޅުވިއެވެ.

މި ފަސް އަހަރު ވެގެންދާނީ ޝަރުއީ ނިޒާމަށާއި، ޚާއްސަކޮށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު އިތުރުވި ދައުރެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ތަރައްގީއަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ މީދޫގެ ރައްޔިތުންނަކީ އަބަދު ވެސް ތަރައްގީއަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ ބައެއް ކަމަށެވެ.

މީދޫގެ ރައްޔިތުން އެދޭ މުހިންމު ދެ ކަންތައް ކަމަށްވާ އާ ހޮސްޕިޓަލާއި ބަނދަރު ބޮޑުުކުރުމުގެ މަސައްކަތް މަދު ދުވަސްކޮޅެއް ތެރޭ ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި:

  • މީދޫގެ ބިން ހިއްކައި އެ ބިމުގައި ހައުސިން މަޝްރޫއު ހިންގާނެ ކަމަށް
  • ނުހެދި ހުރި މަގުތަކުގައި ތާރު އަޅައިދެއްވާނެކަމަށް
  • އައު ބޮޑު މިސްކިތެއް ތަރައްގީކުރުން
  • އައު އިންޖީނުގެ އަޅައި ކަރަންޓު އަޕްގްރޭޑްކުރުން
  • ފުޓްބޯޅަ ދަނޑެއް އެޅުން
  • ކޮމިއުނިޓީ ސެންޓަރެއް އެެޅުން
comment ކޮމެންޓް