ސުލްހަވާން ކަރަން ޖޯހަރު ބޭނުންވިނަމަވެސް ކަންގަނާ ބުނަނީ ކަރަންދެކެ ބިރުގަންނަކަމަށް

ކަރަން ޖޯހަރު އާއި ކަންގަނާ --

މިއަހަރުގެ ނޮވެމްބަރު 24ގައި ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" ބަލަން ޝައުގުވެރިވާކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލްއިން ކަންގަނާ ފެންނަ މިފިލްމު ބަލަން ކަރަން ޝައުގުވެރިވާކަން ފާޅުކުރުމާއެކު ކަންގަނާވަނީ ކަރަންއަށް ރައްދުކޮށް ޓްވިޓާގައި ދިގު ޕޯސްޓެއްކޮށްފައެވެ.

ކަންގަނާގެ ޓްވިޓާ ޕޯސްޓުގައި ބުނެފައިވަނީ 2019ވަނަ އަހަރު އޭނާގެ ފިލްމު "މަނިކަރްނިކާ" ބަލަން ކަރަން ޝައުގުވެރިކަން ފާޅުކުރުމާއެކު ފިލްމު ރިލީޒްކުރި ހަފުތާ ބަންދުވެފައިވަނީ މިހާތަނަށް ޙަޔާތުގައި ދުށް އެންމެ ކަޅު އަނދިރި ދުވަސްތަކަށްކަމަށެވެ.

އެހެންވެ ވަރަށް ބުރަ މަސައްކަތްކޮށްފައިވާ ފިލްމު "އިމަޖެންސީ" ބެލުމަށް ކަރަން ޝައުގުވެރިކަން ފާޅުކުރުމުން ހިތަށް ބިރުވެރިކަން އައިސްފައިވާކަމަށް ކަންގަނާވަނީ ބުނެފައެވެ.

ތާރީޚީ އެކްޝަން ޑްރާމާ "މަނިކަރްނިކާ"އަކީ މިހާތަނަށް އިންޑިއާގެ ތާރީޚުގައިވެސް އަންހެނަކު ލީޑްރޯލް ކުޅެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުތަކުގެތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ. ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ފިލްމުގެ ކާސްޓުގައި ހިމެނުނު ވަރަށްގިނަ ފިލްމީ ތަރިންވަނީ ރިޝްވަތުގެ ފައިސާ ނަގައިގެން ކަންގަނާއާއި ދެކޮޅަށް ވާހަކަދައްކާފައިކަމަށް އޭނާ ތުހުމަތުކުރެއެވެ. އަދި މިކަމުގެ ފަހަތުގައި ކަރަންގެ އަތެއްވާކަމަށް ކަންގަނާވަނީ ވަރަށްގިނަ ފަހަރުމަތިން މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ބުނެފައެވެ.

ކަރަންއާއި ކަންގަނާގެ ކޯޅުންގަނޑުގެ ފެށުމަކަށްވީ ކަރަންގެ 'ކޮފީ ވިތު ކަރަން ޝޯ'ގައި ކަރަންއަކީ ހިންދީ ސިނަމާއަށް ނެޕޮޓިޒަމް ތަޢާރަފުކުރި، އެކަމުގެ ބާނީކަމަށް ކަންގަނާ ސިފަކުރުމުންނެވެ. ކަރަންއަކީ ހިންދީ ސިނަމާގެ މޫވީ މާފިއާކަމަށްވެސް ކަންގަނާވަނީ އެޝޯގައި ބުނެފައެވެ.

ކަރަންގެ އިތުރުންވެސް ހިންދީ ސިނަމާގެ ވަރަށް ގިނަބަޔަކާއެކު ކަންގަނާގެ ގުޅުންވަނީ ހީނަރުވެފައެވެ. އޭގެތެރޭގައި ޖާވިދު އަޚްތަރު، ރިތިކް ރޯޝަން އަދި އާލިއާ ބަޓްފަދަ، ކަރަންއާ ގާތްގުޅުމެއް އޮންނަ ގިނަ ފިލްމީތަރިންވެސް ހިމެނެއެވެ.

ކަންގަނާގެ ފިލްމު "އިމަޖެންސީ" ބަލަން ކަރަން ޝައުގުވެރިވިކަން ފާޅުކުރުމަކީ ދެ މީހުންގެ ދެމެދުގައިއޮތް ރުޅިވެރިކަން ނިމުމަކަށް ގެންނަން ކަރަންކުރި އިޝާރާތެއްކަމަށް ގިނަބަޔަކު މާނަކުރިނަމަވެސް ކަންގަނާހުރީ ކަރަންއާއެކު ސުލްހަވާން ތައްޔާރުވާކަހަލަ ގޮތަކަށްނޫނެވެ.

comment ކޮމެންޓް