ނޫސް މީޑިއާތައް މާލީގޮތުން މިނިވަންކުރުމަކީ ނޫސްވެރިކަން މިނިވަންކުރުމަށް އެންމެ މުހިންމު އެއް ކަންތައްކަމަށާއި އަންނަ ދައުރުގައި މާލީގޮތުން މީޑިއާއަށް އަންނަ ހެޔޮ ބަދަލާއެކު ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ހާމަކުރި އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ 'ހެޔޮ ވެރިކަން' ސިޔާސަތުގެ ދަށުން މީޑިއާތައް މިނިވަންކުރުމާ ގުޅޭގޮތުން މުހިންމު ކަންތައްތަކެއްވަނީ ހާމަކޮށްފައެވެ.
އެގޮތުން ސަރުކާރުގެ ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ވަކި މިންވަރަކަށް ފައިސާ ދިނުމަށް ދެން އަންނަ ދައުރުގައި ސިޔާސަތުތައް އެކުލަވައިލުމަށް މެނިފެސްޓޯގައި ހިމަނައިފައިިވެއެވެ.
މި ކަމާ ގުޅިގެން ރައީސް ވިދާޅުވީ މީޑިއާއަކީ ހެޔޮ ވެރިކަމެއް ކުރުމަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އެގޮތުން މީޑިއާއިން ހާމަކުރާ މައުލޫމާތަކީ ތެދު ހަގީގަތަށްވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮންމެފަދަ ދޮގެއް ތެދަކަށް ވެސް ހެދިދާނެ. ކޮންމެފަދަ ތެދެއް ދޮގަކަށް ވެސް ހެދިދާނެ. މީޑިއާއަކީ އެ ފަދަ ބާރު ގަދަ އެއްޗެއް،" ރައީސް ވިދާޅުވިއެވެ.
ބައެއް ގައުމުތަކުގައި މީޑިއާ މެދުވެރިކޮށް ފަތުރާ ޚަބަރުތަކުން ބޮޑެތި އިންގިލާބުތައް ވެސް ގެނެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ގެނެސްދެވޭ މައުލޫމާތަކީ ތެދުކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.
އެމްޑީޕީގެ އައު ސިޔާސަތާއެކު އެ ކަން ކުރުމަށް އުސޫލުތަކެއް ކަނޑައަޅައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފައިސާގެ ނުފޫޒުން މީޑިއާތައް އެއްކިބާކުރުމަށް ޓަަކައި ވެސް ސިޔާސަތުތަކެއް ކަނޑައެޅިފައިިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ހަމައެއާއެކީގައި ފައިސާގެ ނުފުޒުން އެއްކިބާވެފައި އޮތް އަމިއްލައަށް ފުދުންތެރިކަމާއެކީގައި ހިންގޭ މީޑިއާތަކަކަށް މީޑިއާތައް ބަދަލުވާން އެބަޖެހޭ. އެ ކަމަށް ޓަކައި ކަނޑައެޅިފައިިވާ އުސޫލެއްގެ ތެެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ގޮތް މިހާރުވަނީ ކަނޑައަޅައިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ހެޔޮ ބަދަލަކަށް ވާނެ ކަމެއްކަމަށެވެ. އެ ކަން ކުރާނީ ނޫސްމީޑިއާތައް ހިމެނޭ އެސޯސިއޭޝަނެއް ނުވަތަ ވަކި އިދާރާއަކުން ކަނޑައަޅާ މިންގަނޑަށް ފެތޭ މީޑިއާތަކުގެ ތެރޭކަމަށް ރައީސް ވިދާޅުވިއެވެ.
"އެފަދަ މީޑިއާތައް ކަނޑައެޅީމާ އެ މީޑިއާތަކަށް ފައިސާ ދޭ ގޮތަށް ހަމަޖެހިފައި މިހާރު އޮތީ. އަޅުގަނޑު ހިތުން އެއީ ވަރަށް ރަނގަޅު ހެޔޮ ބަދަލެއް މިހާރު މި އޮތް މިނިވަން މީޑިއާއަށް އަންނާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.