ޓީޗަރުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

--- ސަން ފައިލް ފޮޓޯ

ކިޔަވައިދޭ ވަގުތު މޫނު ބުރުގާ އެޅޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑު އިސްލާހުކޮށްފިއެވެ.

މީގެ ކުރިން އިއުލާނުކުރި އުސޫލުގައިވާ ގޮތުން، ކިޔަވައިދޭ ވަގުތު ހުރިހާ މުދައްރިސުން ވެސް ތިބެންވާނީ ކާކުކަން އެނގޭ ގޮތަށެވެ. އެއާއެކު، މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން މޫނު ނަގައިގެން ކިޔަވައިދޭން ޖެހޭނީ ހަމައެކަނި 10 އަހަރުން ދަށުގެ ދަރިވަނުންނަށް ކިޔަވައިދޭ ނަމައެވެ. ކިޔަވައިދިނުމުގެ މާހައުލަކީ މޫނު ހާމަކުރެވޭ ތަނެއް ނޫންނަމަ އެ މުދައްރިސުންނަށް ވެސް މޫނު އަޅައިގެން ކިޔަވައިދެވެއެވެ.

މީގެ އިތުރުން، މޫނު ބުރުގާ އަޅާ މުދައްރިސުން އަބަދު ވެސް ތިބެންވާނީ ސްޓާފް ކާޑު އަޅައިގެން ކަމަށް އެ އުސޫލުގައި ވެއެވެ.

އެކަމާ ބެހޭ ގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ އެ މައްސަލައިގައި އަރާފައި އޮތް އޮޅުން ހައްލުވީ އެ ޕާޓީގެ އެދުމުގެ މަތިން ކަމަށެވެ.

"ކުރީ ސަރުކާރުން މުތުލަގަށް މަނާކޮށްފަ އޮތްވާ އަޅުގަނޑުމެންގެ މަސައްކަތުން ރައީސް އިބޫގެ ސަރުކާރުގައި މި ފުރުސަތު ހުޅުއްވާލައްވާ އަދި އެކަމާމެދު އެރި އޮޅުންވެސް މިއޮތީ ފިލާގޮސްފަ" އޭނާ ވިދާޅުވިއެވެ.

ޓީޗަރުންނަށް ލައިސަންސު ނެގުން ލާޒިމްކޮށް، ނެރުނު ސުލޫކީ މިންގަނޑު ކުރިން އޮތް ގޮތަށް އޮތުމުން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެމައްސަލައިގައި ބައެއް މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް