ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ޔަގީންވުމުން ދެން ރައްޔިތުން ބޭނުންވާ ކަންކަމާއި ވިސްނުން އިތުރަށް ތަރައްގީވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ބ. ކިހާދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ކުދި އާބާދީތައް ދިޔައީ ބާކީކުރަމުން ކަމަށެވެ. އެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ލިބިފައިނުވާއިރު އެ ކަމުގެ ނަތީޖާއަކަށްވީ މުޅި ރާއްޖެ ތަރައްގީނުވުންކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖެއަށް ލިބިފައި ހުރި ވަސީލަތްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުކުރެވި އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް މިއަދު މި ގެނެވޭ ބަދަލާއެކުގައި މުޅި ރާއްޖެ ތަރައްގީކުރުމަށް ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ކޮންމެ ރައްޔިތަކަށް ހަމަހަަމަކޮށް މި ކޮށްދޭ ކަންތައްތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެން މިހާރު މި ހިތަށް ވެސް ނާރާވަރުގެ ބޮޑެތި ބަދަލުތަކެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އަސާސީ ޚިދުމަތްތައް ޔަގީންވުމުން ދެން އިތުރަށް ބޭނުންވާ ކަންކަމުގައި ރައްޔިތުންގެ ވިސްނުން ތަފާތުވާނެ ކަމަށެވެ. އަދި އިތުރަށް ސިކުނޑި ހުޅުވޭނެ ކަމަށެވެ.
"މިއަދު އަބަދު ވެސް އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންޖެހިފައި މި އޮތީ ރަށުން ފުރޭނީ ކިހިނެއްތޯޯ. އާދެވޭނީ ކިހިނެއްތޯ. ބޯ ފެންފޮދު ހޯދަންޖެހޭނީ ކިހިނެއްތޯ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް 'ރެޔާއި ދުވާލު' ފިކުރުކުރަން ޖެހިފައި ތިބީ އެ ކަންކަމުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މަސައްކަތް ނިމުމުން އެ ކަންކަމަކީ ރައްޔިތުން ވިސްނަންޖެހޭ ކަންކަމަށް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން މި ގެންނަ ބަދަލަކީ. އަޅުގަނޑު ހިތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތައިގެން ގޮސް ނިންމައިލެވުނީމާ މި ދެންނެވި ބޮޑު ބަދަލު، ހެޔޮ ބަދަލު މިއިން ކޮންމެ ރަށަކުން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރެއްގައި ކިހާދުއަށް ކޮށްދެއްވާނެ ކަންކަން:
- ސިއްހީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކޮށް 24ގަަޑިއިރަށް ބަދަލުކުރުން
- ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ސައިންސް ލެބެއް ތަރައްގީކުރުން
- ސްވިމިން ޓްރެކެއް އެޅުން
- އިންޖީނުގެ ރިލޮކޭޓްކުރުން
- އޭޓީއެމް ގާއިމްކުރުން