އަމީތާބުގެ ހާއްސަ ސިޓީއެއް ލިބުމުން 'ގޫމަރު'ގެ ބަތަލާ ސައްޔާމީ އުފަލުން ފޮޅިފައި

އަމީތާބުގެ ހާއްސަ ސިޓީއެއް ލިބުމުން 'ގޫމަރު'ގެ ބަތަލާ ސައްޔާމީ ހުރީ އުފަލުން ފޮޅިފައި --

މިމަހުގެ 18ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ގޫމަރު"ގެ ބަތަލާ ސައްޔާމީ ހޭރްއަށް އަމީތާބް ބައްޗަންގެ ހާއްސަ ސިޓީއެއް ލިބުމާއެކު ބަތަލާއަށް އިހުސާސްކުރެވުނު އުފާވެރިކަން ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.

ހިންދީ ސިނަމާގެ އިތުރުންވެސް، އަމީތާބް ބައްޗަންއަށް ފިލްމެއްގެހުރި މޮޅުކަމާއި ފިލްމުގެ ތަރިންގެ ހުށަހެޅުން މޮޅުކަން ގަބޫލުކުރެވޭ ހިސާބުން އަމިއްލަ އަތުން ލިޔެފައިވާ އިބާރާތްކޮޅަކާއެކު ހިތްގައިމު މާބޮނޑިއެއް އެފިލްމަކާ ގުޅުންހުރި ފަރާތްތަކަށް ފޮނުވައެވެ. މިއީ ވަރަށް ކުރިއްސުރެން ފެށިގެންވެސް އަމީތާބް ބައްޗަން އާދަކޮށް ކުރަމުން އަންނަކަމެކެވެ.

ހިންދީ ސިނަމާގައި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަމީތާބުގެ މި ޢަމަލާއެކު ފިލްމީތަރިންނަށް އެވޯޑެއް ލިބުމުން އެލިބޭ އުފަލަށްވުރެ މާބޮޑު އުފަލެއް އިހުސާސްވާކަމަށް އެތަރިންވަނީ ބުނެފައެވެ.

ސައްޔާމީ ވެސް ބުނީ، އަމީތާބް ފަދަ ހިންދީ ސިނަމާގެ ދުވަސްވީ ތަޖުރިބާހުރި އެކްޓަރަކު އޭނާގެ ހުނަރަށް ތައުރީފު ކުރުމުން އިހުސާސްކުރެވުނީ މިފަދަ އުފަލެއްކަމަށެވެ.

އަބީޝެކް ބައްޗަންވެސް މުހިއްމު ރޯލް ކުޅެފައިވާ މިފިލްމަކީ، މަޝްހޫރު ފިލްމު "ޕާ"، "ޗީނީ ކަމް" އަދި "ޗުޕް"ފަދަ ފިލްމުތައް ގެނެސްދިން އާރް.ބަލްކީގެ ފިލްމެކެވެ. އެ ފިލްމު ބެލި ފަރާތްތަކުން ރިވިއުސްގެގޮތުގައި ފަސް ތަރި ފިލްމަށްދީފައިވާއިރު މިއީ މިހާތަނަށް ސައްޔާމީ ކުޅުނު ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބެމުންއަންނަ ފިލްމުވެސްމެއެވެ.

ސައްޔާމީއާއެކު ފިލްމުގައި ބަތަލާ ޝަބާނާ އަޒްމީ ފެންނައިރު އެކްޓަރު އަންގަދު ބެދީވެސް ފިލްމުގެ މުހިއްމު ރޯލްއަކުން ފެނެއެވެ. ހަމައެއާއެކު އަމީތާބް ބައްޗަންއަށް ހާއްސަކުރެވިފައިވާ ވަރަށް ހާއްސަ ފެނިލުމެއްވެސް މިފިލްމުގައިވަނީ ހިމަނާފައެވެ. ފިލްމު ރިލީޒްކުރިއިރު ސަނީ ޑިއޯލްގެ "ގަދަރު2"އަށް ސިނަމާތަކުގައި ލިބެމުން އަންނަ ތަރުހީބާއެކު "ގޫމަރު"އަށްވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

comment ކޮމެންޓް