ރަންވީރާއެކު 'ޑޮން3'އިން ކިއާރާގެ ބަދަލުގައި ފެންނާނީ ކްރިތީ ސެނޮން؟

ދާދިފަހުން އިއުލާނުކުރި ފަރުހާނު އަހްތަރުގެ ފިލްމު "ޑޮން3"އިން ބަތަލާ ކިއާރާ ފެންނާނެކަމުގެ ޚަބަރުތައް ތިލަވެފައިވަނިކޮށް ކިއާރާގެ ބަދަލުގައި ފިލްމުގެ ލީޑްރޯލް ބަތަލާގެގޮތުގައި ފެންނާނީ ކްރިތީ ސެނޮންކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ހަބަރު ފެންމަތިވެފައިވަނިކޮށް ކްރިތީ ސެނޮން ފަރުހާން އަހްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީގެ އޮފީހަށް ޒިޔާރަތްކުރި މަންޒަރު ވެސް ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ބަތަލާ ކްރިތީ ސެނޮން "ޑޮން3"އާ ގުޅެން އުޅޭކަން ރަސްމީކޮށް އިއުލާނު ކޮށްފައިނުވާއިރު މިހާތަނަށް ރަންވީރާއެކު ކްރިތީ އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެއެވެ. ފަރުހާނު އަހްތަރު 2006ވަނަ އަހަރު ގެނެސްދިން "ޑޮން"ގެ ފްރެންޗައިސްއިން ލީޑް ރޯލްއިން ފެނިފައިވަނީ ޝާހްރުކް ޚާންއެވެ. އަދި ޝާހްރުކް ޚާންއާއެކު ލީޑްރޯލް ބަތަލާއަކަށް ފެނިފައިވަނީ ޕްރިޔަންކާ ޗޯޕްރާއެވެ.

ކްރިތީ ސެނޮން ފިލްމަށް ގެންނަކަމަށް އަޑު އަރާފައިވާއިރު ބަތަލާގެ ކުރިޔަށްއޮތީ ވަރަށް ބިޒީ ޝެޑިއުލްއެކެވެ. އޭގެ ތެރޭގައި ކްރިތީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދޭ ފިލްމު "ދޯ ޕައްތީ" އަދި ބަތަލާ ކަރީނާ ކަޕޫރާއެކު ކުޅޭ ފިލްމު "ދަ ކްރޫ" ހިމެނެއެވެ. ހަމައެއާއެކު ޝާހިދު ކަޕޫރާއެކު ކްރިތީ ކުޅޭ ފިލްމެއްގެ އިތުރުން ޓައިގާ ޝްރޮފްއާއެކުވެސް ކްރިތީ ވަނީ ފިލްމު "ގަންޕަތު ޕާޓު:1"ގެ މަސައްކަތް ފަށާފައެވެ.

ހިންދީ ސިނަމާގައި މި ވަގުތު ތިބި އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓުން ޖާގަ ހޯދާފައިވާ ކްރިތީ ސެނޮން އެންމެފަހުން ކުޅެފައިވަނީ ފިލްމު "އަދިޕުރުޝް"އެވެ. މި ފިލްމު މިހާރު ވަނީ އެމޭޒަން ޕްރައިމްގައި ޕްރިމިއަކުރަން ފަށާފައެވެ. ފަރުހާނު އަހްތަރުގެ ފިލްމު "ޑޮން3"އަށް ކްރިތީ ސޮއިކޮށްފިނަމަ މިއީ ބަތަލާގެ ފިލްމީ ކެރިއަރު އިތުރު އުސްމިނަކަށް ގެންގޮސްދޭނެ ފިލްމަކަށް ވާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް