ޖޭލޯގެ ކައިވެންޏަށް އަހަރެއް ފުރުން ލަވައަކުން

އެމެރިކާގެ މަޝްހޫރު ތަރިން ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބެން އެފްލެކްގެ ކައިވެންޏަށް އެއް އަހަރު ވުން ހާއްސަ ގޮތަކަށް ފާހަގަކޮށްފިއެވެ.

ދެވަނަ ފަހަރަށް އެންގޭޖުވުމަށް ފަހު ދެ މީހުން އެންމެފަހުން ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ފަހުކޮޅުގައެވެ.

ގާތްގަނޑަކަށް 17 އަހަރަށް ފަހު އަލުން ދިމާވެ އެންމެ ފަހުން ކައިވެނި ކޮށްފައިވާއިރު ދެ މީހުން ތިބީ ވަރަށް އުފަލުންނެވެ. އެކީގައި ދެ މީހުން ތަފާތު އިވެންޓުތަކަށް ގޮސް އުޅެނީ ވެސް ވަރަށް ލޯބިންނެވެ. ލޯބިން ދެ މީހުން ސަމާސާކޮށް ހަދައި އުޅޭއިރު މީޑިއާތަކުން ވަނީ ބައެއް ފަހަރު އެ ވާހަކަތައް އަނބުރާލައި ކައިވެނި ރޫޅޭ ކަމަށް ވެސް ބުނެފައެވެ.

ނަމަވެސް ދެ މީހުން ވެސް ތިބީ ވަރަށް ލޯބިން ކަމަށް ދެމީހުން އަންނަނީ ދައްކައިދެމުންނެވެ. ދެމީހުންގެ ކައިވެންޏަށް އަހަރެއް ވުމާ ގުޅިގެން ޖޭލޯ ހިއްސާ ކޮށްލީ ލަވައެކެވެ. މި ލަވައަކީ ދެމީހުންގެ ލޯބީގެ ވާހަކަ އާއި އެކީގައި ދިރިއުޅޭ ވާހަކަ ކިޔައިދޭ ލަވައެކެވެ. މި ލަވަ ހާއްސަކޮށްފައިވަނީ ބެން އަށެވެ.

ޖޭލޯ އަންނަނީ މިހާރު އޭނާގެ އާ އަލްބަމްގެ މަސައްކަތް ކުރަމުންނެވެ. "ދިސް އިޒް މީ ނައު" ކިޔާ މި އަލްބަމް ޕްރޮމޯޓު ކުރުމަށްޓަކައި ޖޭލޯ ވަނީ އޭނާގެ އިންސްޓަގްރާމް ވެސް ވަކި ދުވަސްކޮޅަކަށް އެއްކޮށް ހުސްކޮށްލާފައެވެ. އަލަށް ނެރޭ މި އަލްބަމް އަކީ ބެން އަށް ހާއްސަކޮށް ނެރޭ އަލްބަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ޖޭލޯ އާއި އެފްލެކް އަށް ކައިވެނި ކުރެވިފައިވަނީ ދެ ފަހަރަކު އެންގޭޖުވުމަށް ފަހުގަ އެވެ. ދެ މީހުން ފުރަތަމަ އެންގޭޖުވެފައި ވަނީ 2002 ވަނަ އަހަރު އެވެ. ނަމަވެސް، އެ ދެ މީހުން ކައިވެނި ކުރުމުގެ ކުރިން، 2004 ވަނަ އަހަރު ވަކިވި އެވެ.

comment ކޮމެންޓް