ހުޅުމާލޭ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ގާއިމުކުރުން އެސްޓީއޯއަށް

ހުޅުމާލޭ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ގާއިމުކުރުމަށް އެސްޓިއޯއާއެކު އެއްބަސް ވުން --- ފޮޓޯ/ އެސްޓީއޯ

ހުޅުމާލޭ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސާވިސަސް (ސީއެސްއެސްޑީ) ޑިޕާޓްމެންޓަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދިނުމާއި، އިންސްޓޯލްކޮށްދިނުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ސައީދެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މާރިޔާ ސައީދެވެ.

މި އެއްބަސްވުމުގެ ދަށުން ސްޕެއިންގެ މަޝްހޫރު "މަޓަޗާނާ" ބްރޭންޑާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލާ އެންމެ އެކަށޭނަ ގޮތަކަށް އެ ޑިޕާޓްމެންޓު ފަރުމާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމެންޓްތައް ގެނެސް އިންސްޓޯލްކޮށް، މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް އެސްޓީއޯއިން ވަނީ އެއްބަސްވެފައެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 262 ދުވަހަށެވެ.

އެސްޓީއޯއިން މީގެ ކުރިން ވެސް ވަނީ "މަޓަޗާނާ"ގެ އުފެއްދުންތައް ރާއްޖެ ގެނެސް އިންސްޓޯލްކޮށްދީފައެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ސީއެސްއެސްޑީއަކީ ވެސް އެ ބްރޭންޑުގެ އުފެއްދުންތައް ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ޑިޕާޓްމެންޓެކެވެ.

ސީއެސްއެސްޑީ އަކީ ހޮސްޕިޓަލުތަކުގައި އާންމުކޮށް ބޭނުންކުރާތަކެތި ސާފުކޮށް، ޖަރާސީމު ނައްތާލަން ޚާއްސަ ތަނެވެ. ކޮންމެ ހޮސްޕިޓަލަކަށްވެސް ސީއެސްއެސްޑީ އެއް ވަރަށް މުހިންމެވެ. އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުރެގެންނެވެ.

comment ކޮމެންޓް