އަޅުގަނޑުގެ ކައިރީގައި ގާނޫނާއި ގަވާއިދުތަކަކީ ކުޅޭކުޅޭ އެއްޗަކަށް ނުވާނެ: އުމަރު

ކުރީގެ ހޯމް މިނިސްތަރު އުމަރު ނަސީރު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭނާއާ ވެރިކަން ހަވާލުކޮށްފި ނަމަ ގާނޫނާއި ގަވާއިދުތަކަކީ ކުޅޭކުޅޭ އެއްޗަކަށް ނުވާނެ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ކެންޕޭން ހަރަކާތުގައި އުމަރު ވަނީ ގާނޫނާއި ގަވާއިދުތައް ތަންފީޒުކޮށް ގައުމުގައި އޮތް މަސްތުވާތަކެތީގެ ނުރައްކަލުން ދަރިން ސަލާމަތް ކުރަން ބޭނުން ނަމަ، ސާބިތު އަދި ޖެހިލުން ކުޑަ ވެރިއެއް މިފަހަރު އިޚުތިޔާރު ކުރުމަށް ގޮވައިލައްވާފައެވެ.

"ގާނޫނާއި ގަވާއިދު ތަކަކީ ކުޅޭކުޅޭ އެއްޗަކަށް އަޅުގަނޑުގެ ކައިރީގައި ނުވާނެ. ގާނޫނާއި ގަވާއިދުތައް ވެގެން ދާނީ އެއަށް ޢަމަލުކުރެވޭ އެއްޗަކަށް. އެހެން ވީމަ ތިޔަބޭފުޅުންނަށް ދިމާވެފައިވާ މިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން މިއީ ލިބޭ ރަނުގެ ފުރުސަތެއް. މިފަހަރުގެ ވޯޓަކީ ޑުރަގު މައްސަލަ ހައްލުކޮށް ކޮރަޕްޝަނާއި ވައްކަމާއި ގޭންގުތައް ނައްތާލައި އަމާންކަން ހޯދަން ތިޔަބޭފުޅުން ދެއްވާ ވޯޓަކަށް ހައްދަވާ،" އުމަރު ވިދާޅުވިއެވެ.

މި ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން އުޅުމާ ނުކުޅަދާނަ ވެއްޖެކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ ވިސާ ނުދައްކައި ދިވެހީން ކުރަންޖެހޭ ވިޔަފާރިތައް އެމީހުން ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އެހެންކަމުން އޭނާ އެދިލެއްވީ އެކަންކަން ސީދާ ދިވެހިންގެ އަތްމައްޗަށް ގެންނައުމަށް ޓަކައި ކެންޑިޑޭޓް ނަންބަރު އެކެއް، އުމަރު ނަސީރަށް ވޯޓު ދެއްވުމަށެވެ.

"ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ކަންކަން މަތީގައި ފިހާރަ ހަދައިގެން ނުހިންގޭނެ. އަޅުގަނޑު އެތަންތަން ބަންދު ކުރާނަން. ބަންދު ކުރީމަ ސީދާ ދިވެހިންގެ އަތްމައްޗަށް އެ ވިޔަފާރިތައް އަންނާނެ. ދިވެހީންގެ ޖީބަށް އެ ފައިސާތައް އެޅޭނެ. ދިވެހިން މުއްސަނދިވެގެންދާނީ. މިއީ އިތުރު ގާނޫނަކާއި ގަވާއިދެއް ބޭނުންވާ ކަމެއް ނޫނޭ. ބޭނުން ވަނީ ސާބިތު ސަރުކާރެއް. ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރަން ކެރޭނެ ވެރިކަމެއް ތިޔަބޭފުޅުންނަށް ބޭނުން ވަނީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން މުޖުތަމައު އެކީ ހަލާކުވެގެން ހިނގައްޖެ ކަމަށާއި އެކަމަކު ކޮންމެ ސަރުކާރެއް އައިސް ގޮސްވާއިރު ކޮރަޕްޝަންގެ މިންގަނޑު އެތައް ދަރަޖައަކަށް މަތިވާ ކަމަށެވެ. އަދި އެއްވެސް ސަރުކާރަކަށް މި މައްސަލަ ހައްލު ކުރެވިފައިނުވާކަމަށް ވެސް ވިދާޅުވިއެވެ.

ބޭނުންވަނީ ޕާޓީއަކުން ދައްކާހާ ކޮހެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ވެރިކަމަށް ގެންނަން ޖެހެނީ ސާފު، ސީދާ ވެރިއެއް ކަން ފާހަގަ ކުރައްވަމުން އުމަރު އެދިވަޑައިގަތީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ރައްޔިތުން ވޯޓު ދެއްވުމަށެވެ.

އުމަރު ވިދާޅުވީ ޑުރަގުގެ ވަބާގައި އެތައް ބަޔަކު ޖެހި ހަލާކުވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މަގުމަތީ މަސްތުވުމާއި ތަންތަނަށް ބިތްޖެހިފައި ތިބުމަކީ މިހާރު ކޮންމެ ދުވަހަކުމެ، ފެންނަ މަންޒަރެއް ކަމަށެވެ. އެހެންކަމުން އެ ނުރައްކާތެރި ވަބާއިން ސަލާމަތް ވެވެން އޮތީ އޭނާ ފަދަ ޖެހިލުން ކުޑަ ވެރިއަކަށް ވޯޓް ދެއްވައިގެން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ ތިޔަބޭފުޅުންނަށް ބޭނުންވަނީ ސާފު ސީދާ ވެރިއެކޭ. އެއީ ކެންޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރޭ. ހަމަ ސިޔާސީ ޕާޓީއަކުން ދައްކާހާ ކޮހެއް ނޫން ތިޔަބޭފުޅުންނަށް ބޭނުން ވަނީ،" އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް